މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 16.1 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރާތްކުރަމުންދިޔަ ފަތުރުވެރިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ. އެހެންނަމަވެސް ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން މިހާރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށް މިވަނީ ކުރިއެރުންތަކެއް އައިސްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް ރާއްޖެއަށް 147,201 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 16.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 126,830 ފަތުރުވެރިންނެވެ.

ފަތުރުވެރިންގެ އަދަދު މިމަހު %16 އިތުރު
ފަތުރުވެރިންގެ އަދަދު މިމަހު %16 އިތުރު

ރާއްޖެއައި ފަތުރުވެރިންތަކެއް، ފޮޓޯ: އެމްއޭސީއެލް

މިމަހުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވީނަމަވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1.8 އިންސައްތަ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1,750,222 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރާތްކޮށްފައިވަނީ 1,782,523 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ގައުމު:

* ޗައިނާ: 326,741 ފަތުރުވެރިން
* ރަޝިއާ: 248,739 ފަތުރުވެރިން
* އިނގިރޭސިވިލާތް: 131,996 ފަތުރުވެރިން
* ޖަރުމަނުވިލާތް: 115,814 ފަތުރުވެރިން
* އިޓަލީވިލާތް: 103,504 ފަތުރުވެރިން

މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ކޮށްފައެވެ. ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިންގެ އަދަދުތައް ރަނގަޅުވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.