ޣައްޒާގައި ކާބޯތަކެތީގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވެ، ބޭކަރީތައް ހުއްޓުމަކަށް އައުމާ ގުޅިގެން، މި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިޞްރުގެ ރެޑް ކްރެސެންޓުން ފުށާއި ކާނާ ހިމެނޭ 280 ލޮރީ ޣައްޒާއަށް ފޯރުކޮށްދީފިއެވެ.
މިޞްރުގެ ރެޑް ކްރެސެންޓުން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޔަހޫދީ ދައުލަތުން ޣައްޒާއަށް އެހީގެ ލޮރީތައް ވެއްދުމަށް ހުރަސްއަޅަމުންދާތީ، ބޭކަރީތައް އަލުން ހިންގުމަށް އެހީވުމުގެ ގޮތުން އާދީއްތަ ދުވަހު އެކަނިވެސް ފުށާއި ކާނާގެ ބާވަތްތައް ހިމެނޭ 90 އަށްވުރެ ގިނަ ލޮރީ ވަނީ ފޮނުވާފައެވެ
.ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 190 އަށްވުރެ ގިނަ ލޮރީ ފޮނުވާފައިވާއިރު، މި ކެމްޕޭނުގެ ދަށުން މިހާތަނަށް ފޮނުވުނު ޖުމްލަ ލޮރީގެ އަދަދު 280 އަށް އަރައެވެ.
މި އެހީތަކުގެ ސަބަބުން ޣައްޒާގެ 20 ބޭކަރީއެއްގައި އަލުން މަސައްކަތް ފެށިފައިވާ ކަމަށާއި، ވޯލްޑް ސެންޓްރަލް ކިޗަންއާ ގުޅިގެން ކޮންމެ ދުވަހަކުވެސް ޣައްޒާގެ އުތުރަށާއި، މެދުތެރެއަށާއި އަދި ދެކުނުގައިވާ އާއިލާތަކަށް ފުށާއި ކާބޯތަކެތީގެ އިތުރުން އެތައް ހާސް ރޮށި ބަހަމުންދާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.
މީގެ އިތުރުން 3,676 މެޓްރިކް ޓަނަށްވުރެ ގިނަ އިންސާނީ އެހީ ހިމެނޭ 302 ވަނަ އާ ބައެއް ވެސް މިޞްރުން ވަނީ ފޮނުވާފައެވެ. މި ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ބޭހާއި، ހޮސްޕިޓަލްތަކާއި ބޭކަރީތަކަށް ބޭނުންވާ ތެޔޮ ހިމެނޭ ކަމަށް ރެޑް ކްރެސެންޓުން ފާހަގަކުރެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިޞްރުން ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް އެ ޤައުމުން ފޯރުކޮށްދިން އެހީގެ މިންވަރު އެއް މިލިއަން މެޓްރިކް ޓަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އެ ޤައުމުގެ 75,000 އަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް، ފަންޑު މަދުވުމުގެ ސަބަބުން ޣައްޒާގެ 500,000 މީހުންނަށް ދެމުންދިޔަ ކާބޯތަކެތީގެ އެހީތެރިކަން ކުޑަކުރަންޖެހިދާނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ އިންޒާރުދީފައެވެ.
މިޞްރުން ޣައްޒާއަށް 280 ލޮރީގެ އެހީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed