ކުޑަކުދިން ކުރާ ކުށްތަކާއި ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާ ކުރުމާއި، އެކަމުގައި ހިމެނޭ މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި 30 މީހުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "ޑައިވަރޝަންގެ ނިޒާމު ހަރުދަނާ ކުރުމަށް އެއްބާރުލުން އިތުރުކުރުން" މި ނަމުގައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ކުޑަކުދިންނަށް ކުރާ ކުށްތަކާ ގުޅިގެން ކުޑަކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެން ގޮތްގޮތުން ހައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމް ހަރުދަނާ ކުރުމަށް މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމެވެ.

ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ވޯކްޝޮޕެއް
ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ވޯކްޝޮޕެއް
ކުޑަކުދިންނަށް ކުރެވޭ ކުށްތަކާއި ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި، އެކަމުގައި ހިމެނޭ މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕް/ ފޮޓޯ ދާޚިލީ ވުޒާރާ

މީގެ އިތުރުން ޑައިވަރޝަންގެ އުސޫލުތަކާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ ދަށުން އެކަންކަން ހިނގާގޮތް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި، މައްސަލަތައް ހަވާލުކުރުމުގެ އުސޫލުތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. ޑައިވަރޝަންގެ ނިޒާމުގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި، މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވައިލެވި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޑައިވަރޝަން ޕްލޭންގެ ނަމޫނާތައް ހުށަހެޅުނެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުޑަކުދިންގެ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާވެ، ކުޑަކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވީ، 2019 ވަނަ އަހަރުއެވެ. މި ޤާނޫނު ވުޖޫދުވިފަހުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ މައްސަލަތަކުގައި ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ދަނީ ތަފާތު އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ.

މި ޤާނޫނުގެ މަޤުޞަދަކީ ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަގުފަހިކުރުމަށް، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް ދަމަހައްޓައި، ތަރައްޤީ ކުރުމަށް ބާރުއެޅުމެވެ. އަދި ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުމާއި، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.

ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ވޯކްޝޮޕެއް
ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ވޯކްޝޮޕެއް