އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސަރސް ކާމިޔާބު ކޮށް އީސްޓަން ކޮންފަރެންސްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.
ފިލަޑެލްފިއާގެ އެކްސްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗު ސެވަންޓީ ސިކްސަރސުން ކާމިޔާބު ކޮށްފައިވަނީ 127 ޕޮއިންޓް 116 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރގައި ސިކްސަރސްއިން ވަނީ 9 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
ދެވަނަ ކުއާޓަރގައި ބަކްސްއިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށް ސިސްސަރސް ފަހަތަށް ޖައްސާލާ ލީޑު ނެގޭގޮތެއް ނުވިއެވެ.
މިއާއެކު ފުރަތަމަ ހާފް ސިކްސަރސް އިން ނިންމާލީ 4 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގެ ދެވަނަ ހާފްގައި ކުޅުނު ފަހު ދެ ކުއާޓަރގައިވެސް ސެވަންޓީ ސިކްސަރސްއިން މޮޅު ކުޅުމެއް ދައްކާ ދެ ކުއާޓަރގައިވެސް ލީޑުގައި އޮތީ ސިކްސަރސްއެވެ.
މިމެޗުގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހެދި ޖޮއެލް އެމްބިޑްއެވެ. މިއީ މިސީޒަންގައި އެމްބިޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ.
މީގެއިތުރުން ކުރީ ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓައިރީސް މެކްސޭ 26 ޕޮއިންޓް ހޯދައިދިން އިރު ޖޭލެން ބްރައުންވަނީ 27 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗުގައި ސިކްސަރސްގެ ލެބްރޮން ޖޭމްސް އަނިޔާގެ ސަބަބުން ނުކުޅެއެވެ.
ބަކްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދިން ޖެމީ ޖެކުއޭޒްއެވެ.
މިސީޒަންގައި ސިކްސަރސްވަނީ އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި ބަކްސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާލާއިރު ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ހިއުސްޓަން ރޮކެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބު ކުރީ ރޮކެޓްސްއެވެ.
ފީނިކްސް ސަންސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރި މެޗު އޯވަރ ޓައިމް އަށް ގޮސް 131 ޕޮއިންޓް 122 ޕޮއިންޓުން ސަންސް ކާމިޔާބު ކުރިއިރު ޑެންވަރ ނަގެޓްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު އޯވަރ ޓައިމް އަށް ގޮސް 141 ޕޮއިންޓް 135 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނަގެޓްސްއެވެ.
މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 120 ޕޮއިންޓުން ވިޒަޑްސް ކާމިޔާބު ކުރިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 122 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސްޕަރސްއެވެ.