ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރު ކޮށްދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.


މި ކުރިމަތިވި ކުއްލި އަދި އުނދަގޫ ޙާލަތުގައި ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު މެރިއޮޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ޝުކުރު ދަންނަވާކަމަށް ވިދާޅުވިއެވެ. އަދި ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، ފުނަދޫގެ ރައްޔިތުންނަށް، ދެއްވި އެއްބާރުލެއްވުމުގެ އަގުވަޒަންކޮށް، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދޭ ކަމަށާއި، އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުއާ ދަންނަވާފައެވެ.

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 33 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަލިފާނުގެ އަސަރު ކުރީ 5 ގެއާއި، 4 ވޯކްޝޮޕް / ގުދަނަށެވެ. އޭގެ ތެރެއިން އެއްގެއަށް ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައިވެއެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.