މިދިޔަ ދުވަސްތަކުގައި އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުގެ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައި، އަލުން ހަނގުރާމައެއް ފެށިގެންފިނަމަވެސް އީރާނުގެ ސިޔާސަތާއި މަޤާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން އަރަޤްޗީ ވިދާޅުވީ، އެ ޤައުމުތަކުން ކުރިންވެސް ކަންކޮށްފައިވާ ގޮތް އީރާނަށް އެނގޭ ކަމަށާއި، އަލުން މިފަދަ ކަމެއް ކުރަން އުޅެފިނަމަ ކުރިން ލިބުނު ނަތީޖާއަށްވުރެ ތަފާތު ނަތީޖާއެއް ނުލިބޭނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-ޔަހޫދީ އަސްކަރީ ކެމްޕޭނަށްފަހު، އެޕްރީލް 8 ގައި ވީ އެއްބަސްވުމެއްގެ ދަށުން ބޮޑެތި ހަމަލާތައް ހުއްޓުމަކަށް އައި ނަމަވެސް، ދުނިޔެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އަދިވެސް ބޮޑެވެ.

އީރާނުން ބުނާގޮތުގައި ހަނގުރާމަ ފެށުނު ފަހުން ހުރިހާ ކަމެއް ބަދަލުވެފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި ދަތުރުފަތުރުގެ ނިޒާމު ކުރިން އޮތް ގޮތަށް ދެން ނުއޮންނާނެއެވެ.

މި ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބޭރުގެ އަސްކަރީ ބާރުތައް މުޅިން ފައިބައިގެންދާންޖެހޭ ކަމަށް އީރާނުން ދެކެއެވެ. އީރާނުގެ ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅޭ އުޅަނދުތަކަށް އީރާނުން ހުރަސްއަޅަމުންދާއިރު، އެމެރިކާއިންވެސް ވަނީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް ކަނޑުގެ ސަރަހައްދުން ފިޔަވަޅުތައް އަޅާފައެވެ.