މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 3ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށްފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފްގެ ގިނަ ހަރަކާތްތަކެއް
މިއަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފްގެ ގިނަ ހަރަކާތްތަކެއް

ނަސްރުގެ ދުވަސް 2026 / ފޮޓޯ: އެމްއެންޑީއެފް

މީގެއިތުރުން ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެއެވެ.

ހަމައެއާއެކު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހއ.ދިއްދޫއަކީ 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

މި ހަރަކާތްތައް ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 13 އަދި 14ވަނަ ދުވަހުއެވެ. އަދި މި ހަރަކާތްތައް ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 20 އަދި 21ވަނަ ދުވަހުއެވެ.