އަޕަރ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ގެންދަނީ، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ މާލެއިން ޚާއްޞަ ޓީމެއް އެ ރަށަށް ފޮނުވާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ޙަސަން (35އ) އާއި، ޢާޒިމް މުފީދު (24އ) އާއި، ޢަލީ ޙުޒާމް ސަޢީދު (31އ) އާއި، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުޙައްމަދު ޞާލިޙު އަޙްމަދާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރާއި، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، ޢާޒިމް މުފީދުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި، އަޙްމަދު ޞާނިޖު ޞާދިޤުގެ ބަންދުގެ މުއްދަތު ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ 30 ދުވަހެވެ. އަޙްމަދު އިފްތިޝާމް ޒަރީރުއާއި، ޢަލީ ޙުޒާމް ސަޢީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.