ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް، އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.

މި ރިޒޮލިއުޝަންގައި ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމްގައެވެ. މި ފޯރަމަކީ ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން މި މަހުގެ 21 އިން 23 އަށް ކުރިއަށްގެންދިޔަ ފޯރަމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރަމުގައި ބައިވެރިވެވަޑައިގެން، ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދު ﷲ އެވެ. މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.

އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމުގައި މައިގަނޑުގޮތެއްގައި ބަލާފައިވަނީ މެންބަރު ގައުމުތަކުގެ މެދުގައި ތަހުގީގުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އެޅުމަށާއި މެންބަރު ގައުމުތަކާ ދެމެހެއްޓެނިވި އަދި އިންސާފުވެރި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.

ސްކޭމްތައް ހުއްޓުވުމަށް އެކުލަވާލި އައިއައިސީއޭގެ ރިޒޮލިއުޝަންގައި ރާއްޖޭން ސޮއިކޮށްފި
ސްކޭމްތައް ހުއްޓުވުމަށް އެކުލަވާލި އައިއައިސީއޭގެ ރިޒޮލިއުޝަންގައި ރާއްޖޭން ސޮއިކޮށްފި

އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެވަޑައިގަންނަވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ/ ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ސްކޭމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އައިއައިސީއޭގެ މެންބަރު ގައުމުތަކުން ފާސްކުރި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ. މިއާއެކު އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށްހިންގާ ސްކޭމްތަކާ ދެކޮޅަށް އެ އިއްތިހާދު މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ޤާނޫނީ ހައިސިއްޔަތު ވަނީ ލިބިފައެވެ.

އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން 2025 އޮކްޓޫބަރު 23 ގައި ސޯލްގައި ގާއިމުކުރި އައިއައިސީއޭ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ހާއްސަ އިއްތިހާދެކެވެ.