ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތަކަށް ޔަހޫދީ ދައުލަތުން ހުރަސްއަޅައި، އޭގެ ބައިވެރިންނަށް ގޯނާކޮށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ތުރުކީވިލާތުގެ ޖިނާއީ ކޯޓަކުން ފަށައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލިފައިވާ 35 ފަރާތެއްގެ ތެރޭގައި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހިމެނެއެވެ.

ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އިސްތަންބޫލްގެ ޖިނާއީ ކޯޓުން ވަނީ، ޔަހޫދީ ދައުލަތުގެ ބަންދުގައި ފްލޮޓިލާގެ ބައިވެރިންނަށް އިހާނެތިކޮށް ހިތުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތުރުކީވިލާތުގެ ރައްޔިތުން ދެނެގަނެ، އެކަން ތަޙުޤީޤުކުރުމަށް ދައުލަތުގެ ވަކީލުންނަށް އަމުރުކޮށްފައެވެ.

އަދި މި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ފަރާތްތައް ހައްޔަރުކުރުމުގެ އަމުރުތަކާއި، އިންޓަޕޯލް ރެޑް ނޯޓިސްތައް ދެމިއޮންނާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މި އަޑުއެހުމުގައި ހެކިބަސް ދިން ބައެއް ފަރާތްތަކުން ބުނީ، ޔަހޫދީ ސިފައިން ވަނީ ޣައްޒާއަށް ގެންދިޔަ ސިއްޙީ ސާމާނުތައް އަތުލައިގަނެ، ބައިވެރިން ބަރަހަނާކޮށް ބަލައިފާސްކުރުމާއި، އިސްލާމްދީނަށާއި ތުރުކީވިލާތަށް ފުރައްސާރަކުރުމުގެ އިތުރުން ނިދިޔަނުދީ ނަފްސާނީ އަނިޔާދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ވަކީލުން ވަނީ ޣައްޒާގައި ނަސްލުހޭދުކުރުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ކޯޓުގެ ވަގުތީ ނިންމުމުގައި، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ސާފުކޮށް ބަޔާންކޮށް އައު ދައުވާއެއް އެކުލަވައިލުމަށް ދައުލަތުގެ ވަކީލުންނަށް އަންގާފައިވެއެވެ.

މީގެއިތުރުން ދަޢުވާ ލިބޭ ފަރާތްތަކުގެ މުދަލެއް ތުރުކީވިލާތުގައި ހުރިތޯ ބެލުމަށާއި، ބައިނަލްއަޤުވާމީ ކޯޓުތަކުގެ ލިޔެކިޔުންތައް ހޯދުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާނީ 30 މާރިޗު 2027 ގައެވެ.