"ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން 81 ފަރާތް ތަމްރީނުކުރެވި، 33 ޕްރޮގްރާމެއް ހިންގާފައިވާއިރު އެފަރާތްތަކުގެ ބެލުމުގެ ދަށުން 1483 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމު ނިންމުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ ދިގުރާސްތާ ޕްލޭނެއްގެ ދަށުން، ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށްނާރާ ބަލިތަކާ ދުރު، ހަށިހެޔޮ ބަޔަކަށް ހެދުމުގެ އަމާޒުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޤައުމީ ޕްރޮގްރާމެއްކަމަށެވެ. ވަކި ލަނޑުދަނޑިއެއް ކަނޑައަޅާ 2025 ވަނަ އަހަރު ފެށި، މި ޕްރޮގްރާމު މިހާރު މުޅި ރާއްޖެއަށް ފުޅާވެފައިވާއިރު މިހާތަނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން 81 ފަރާތް ތަމްރީނުކުރެވި، 33 ޕްރޮގްރާމެއް ހިންގާފައިވާއިރު އެފަރާތްތަކުގެ ބެލުމުގެ ދަށުން 1483 ބައިވެރިންމި ހަރަކާތުގައި ބައިވެރިވެފައިވާކަމީ ފާހަގަކޮށްލަންޖެހޭ ފަދަ މުހިންމު ކާމިޔާބީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަށިހެޔޮރާއްޖެ ޕްރޮގްރާމުން 1483 ރައްޔިތުންނަށް ކަސްރަތު ކްލާސްތައް
ހަށިހެޔޮރާއްޖެ ޕްރޮގްރާމުން 1483 ރައްޔިތުންނަށް ކަސްރަތު ކްލާސްތައް

"ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

"ހަށިހެޔޮރާއްޖެ މި ޤައުމީ ޕްރޮގްރާމަކީ ރާއްޖޭގެ މުޅި ހުރިހާ ރަށްރަށަށް، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި ހަށިހެޔޮކަންމަތީގައި އަޅުގަނޑުމެން ބޭތިއްބުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން މިވުޒާރާއިން ރާއްޖޭގެ އެންމެން ޝާމިލްވާހެން އަޒުމުކަނޑައަޅައިގެން ހިންގަންފަށާފައިވާ ވަރަށް މަތިވެރި ވަރަށް ރަނގަޅު ޕްރޮގްރާމެއް. 2025 ވަނަ އަހަރު އަޅުގަނޑުމެން މި ޕްރޮގްރާމު ފެށީ، އެހިސާބުން ފެށިގެން މުޅި ރާއްޖޭގައި މިހާތަނަށް 33 ޕްރޮގްރާމެއް މިވަނީ ކުރިއަށް ގެންދެވިފަ. އޭގެ ތެރޭގައި 1483 ބައިވެރިންވަނީ ބައިވެރިވެފަ. މިއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭކަމެއް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމުން މިހާތަނަށް 81 ފަރާތެއް ތަމްރީނުކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 63 ސްޕޯޓްސް ކައުންސެލަރުންނާއި 18 ސިޔާސީ މުވައްޒަފުންކަމަށްވާއިރު، މި ޕްރޮގާމުން ތަމްރީނުވެގެންދާ ފަރާތްތަކަށް އެފަރާތެއްގެ ރަށުގައި ކަސްރަތުގެ ޕްރޮގްރާމަށް ހިންގުމަށްވަނީ ލާޒިމްކޮށްފައެވެ. މިފަދަ ޕްރޮގްރާމުތައް ރާވާ ހިންގާނީ އެރަށަކުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެންކަމަށްވާއިރު، މި މަސައްކަތް އެންމެ ފުރިހަމަގޮތެއްގައިކޮށްދެއްވުމަށް ވަޒީރުވަނީ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހަށިހެޔޮރާއްޖެ ޕްރޮގްރާމުން 1483 ރައްޔިތުންނަށް ކަސްރަތު ކްލާސްތައް
ހަށިހެޔޮރާއްޖެ ޕްރޮގްރާމުން 1483 ރައްޔިތުންނަށް ކަސްރަތު ކްލާސްތައް

"ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރު ވަޒީރު -- ފޮޓޯ: ޕީއެސްއެމް ނިއުސް

މިމަހުގެ 22 އިން 24 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 15 އަތޮޅަކުން ސްޕޯޓްސް ކައުންސެލަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމަކީ ޕްރެކްޓިކަލް އަދި ތިއެރީ ބައިތަކާއެކު، ކަމާބެހޭ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމާއެކު މި ހަރަކާތް މުޅި ރާއްޖެއަށް ފަތުރާލާވަނީ ކަވަރުކުރެވިފައެވެ.

ސްޕޯޓްސް ކައުންސެލަރުންނަށް ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރޭގައި މޫދުގައި ކަސްރަތުކުރާނެ ގޮތްތަކާއި، އިންޑޯ އަދި އައުޓްޑޯ ޖިމްތަކަށް ސްޕޯޓްސް ކައުންސެލަރުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ސެޝަންތައް ހިމެނެއެވެ. ވީރު ޖިމްއާއި ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައިވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ކަސްރަތުކުރުމަށް ބޭނުންކުރާ ސާމާނު ބޭނުންކުރާނެ ގޮތްތަކުގެ އިރުޝާދާއި މައުލޫމާތުދީފައެވެ. އޭގެ އިތުރުން ދުންފަތުން ލިއްބައިދޭ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާ އެޗްޕީއޭއާއި ގުޅިގެން ކުރިއަށްގެންދިޔަ ސެޝަންވެސް ފާހަގަކޮށްލެވެއެވެ.