ރ.މީދުއަކީ 2300 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ، ރަށުގެ ބަނދަރު ތަރައްޤީ ކުރުމާއި ރަށުގެ ބިން ހިއްކުމާ ގުޅޭ މަޝްރޫޢެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ރ.މީދުއަކީ އާބާދީ އިތުރުވުމުގެ ސަބަބުން ބިން ފުރިފައިވާ ރަށެކެވެ.
މީދޫއިން އެންމެ ފުރަތަމަ ހިއްކަން ނިންމީ، 10 ހެކްޓަރުގެ ބިމުގެ ސަރަހައްދެކެވެ. ފަހުން ވަނީ، އެރަށުގައި ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކަން ނިންމައި، މިމަޝްރޫޢަށް އިތުރު 4 ހެކްޓަރު އިތުރުކުރަން ނިންމާފައެވެ.

މިކަމާ ގުޅޭ ޢަމަލީ މަސައްކަތްތައް މިހާރު އެރަށުގައި އަންނަނީ، ފަށައިގެން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހޭޅިފަށުން ބަޔަކަށް ވެލިއަޅާ އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ޖިއޯ ބޭގު އަންނަނީ ޖަހަމުންނެވެ. އަދި މިހާރު ދަނީ، ހިއްކާ ސަރަހައްދުގައި ބައުންޑް ވޯލް ޖެހުމަށް އެކަމާ ގުޅޭ ޓެކްނިކަލް ތައްޔާރީތައް ވަމުންނެވެ. މި މަސައްކަތުގައި އެރަށުގައި މިހާރު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި މިއަހަރުގެ ނިޔަލަށް ޑްރެޖަރު ގެނެސް، ބިން ހިއްކުމުގެ މަސައްކަތް ފެށުމަކީ އެ ކުންފުނީގެ ޢަމާޒެކެވެ.
މި މަސައްކަތުގައި އެރަށުގައި މޫދަށް އެރޭ ސަރަޙައްދެއްވެސް ތަރައްޤީ ކުރާނެއެވެ.

ދެން ކުރިއަށް ގެންދަނީ، އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތެވެ.
އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރަކީ، ވަރަށް ބޮޑަށް ފުރި ތޮއްޖެހިފައިވާ ބަނދަރެކެވެ. މުދާ އުފުލާ ބޯޓުފަހަރާއި، ރަށުގައި ދުއްވާ އެހެނިހެން އުޅަނދުފަހަރާއި އަދި ޑައިވިނާއި އެކްސްކަރޝަން އުޅަނދުފަހަރާއި މަހައްދާން ބޭނުންކުރާ ކުދި ޑިންގީ ފަދަ އުޅަނދުތައްވެސް ގިނައެވެ. މިއާއެކު ރަށުގެ ބަނދަރަށް ޖާގަ އިތުރުކުރުމުގެ ބޭނުން ވަނީ ބޮޑުވެފައެވެ.

ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތުގައި 500 ފޫޓު ދިގު، 250 ފޫޅު ފުޅާ ބަނދަރެއް ތަރައްޤީ ކުރާނެއެވެ. އެ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ، ކުރަމުންނެވެ.
125 މީޓަރު ދިގު، 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ރޭމްޕް ހެދުމާއި، 15 މީޓަރުގެ 2 ބްރިޖު ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ، 44 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.