ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލްޚަލީލްއިން 2،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން، މަޖުބޫރުން އެ މީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލާފައިވާ ކަމަށް ޔަހޫދީ ދައުލަތުގެ ހަރުކަށި ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް އެއްބަސްވެއްޖެއެވެ.

ޔަހޫދީންގެ ދަޢުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ކަޓްޒް ބުނީ، ގެދޮރުން ބޭރުކުރި ރައްޔިތުންނަށް އެނބުރި އާދެވޭނީ، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ވަޞީލަތްތައް ޤާއިމުކޮށްފައިވާ ކަމަށް ބެލެވޭ ތަންތަން މުޅިން ނައްތައިލުމަށް ފަހުގައި ކަމަށެވެ.

ޔަހޫދީންގެ މި އަނިޔާވެރި އަސްކަރީ ހަރަކާތް ފަށާފައިވަނީ، ޗެކްޕޮއިންޓަކަށް ދެވުނު ހަމަލާއެއްގައި ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ ދެ މީހަކާއި ފަލަސްޠީނުގެ ބަޔަކު މަރުވި ހާދިސާއަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަނުގެ ނަމުގައި ހިންގަމުންދާ ޢުދުވާނުގައި، ޔަހޫދީ ސިފައިން ވަނީ ޚަލީލާއި އެ ސަރަޙައްދާ އިންވެގެންވާ އަވަށްތައް ވަށާލައި، މުޅިން ބަންދުކޮށްފައެވެ. އަދި އާންމު ރައްޔިތުންގެ ގެދޮރަށް ގަދަކަމުން ވަދެގަނެ، އެ ތަންތަން އަސްކަރީ ބޭނުންތަކަށާއި ޖާސޫސީ މަރުކަޒުތަކަށް ވަނީ ބަދަލުކޮށްފައެވެ.

މި ހިޞާރުގެ ސަބަބުން ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ކިޔެވުން މެދުކެނޑި ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދަން މަޖުބޫރުވެފައިވާއިރު، މަގުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުނި އުކާނުލެވި، އާންމު ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.

މީގެއިތުރުން، ބައިތުލަޙަމް ކައިރީގައިވާ އަވަށްތަކާ ގުޅުވައިދޭ އެހެނިހެން މަގުތައްވެސް ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް ޔަހޫދީން ފެށި ލާއިންސާނީ ޤަތުލުޢާންމަށް ފަހު، ހުޅަނގު އައްސޭރީގައިވެސް ޔަހޫދީން ހިންގާ ރޭޑްތަކާއި، ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ތަޅައިސުންނާފަތިކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޢަމަލުތައް ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ.