ޣައްޒާ ނަސްލުހޭދުގެ ޤަތުލުޢާންމު ފެށި ފަހުން ޔަހޫދީންގެ ފުރަތަމަ ޢާންމު އިންތިޚާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް، ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފިއެވެ. ތެލް އަވީވުގެ 'އަސީރުންގެ މައިދާނު' ގައި ފެށި އެއްވުން އިންތިޒާމުކުރީ އަސީރުންގެ ޢާއިލާތަކުން އުފައްދާފައިވާ 'އޮކްޓޫބަރު ކައުންސިލުން' ނެވެ. އެ ޖަމާޢަތުން އެދެނީ 2023 ގެ އޮކްޓޫބަރު 7 ގައި ޙަމާސްއިން ދިން ޖިހާދީ ހަމަލާ ހުއްޓުވުމުގައި ސަރުކާރު ފޭލުވި ސަބަބުތައް ބަލައި، ޖަވާބުދާރީ ކުރުވުމަށް މިނިވަން ތަޙުޤީޤެއް ހިންގުމަށެވެ. "އިންތިޚާބުގެ ތިން ދުވަސް ކުރިން، ޙަޤީޤަތް ހޯދުމަށާއި، ޖަވާބުދާރީ ކުރުވުމަށާއި، ދައުލަތުގެ ތަޙުޤީޤީ ކޮމިޝަނެއް އުފެއްދުމަށް ތިން އަހަރު ވަންދެން ކުރި މަސައްކަތުގެ އެންމެ ފަހު ހަރަކާތް ބާއްވާނަން،" އެ ކައުންސިލުން ބުންޏެވެ.
މި އެއްވުމުގައި އިދިކޮޅު ލީޑަރުންގެ ތެރެއިން ޔަޝާ ޕާޓީގެ ގާދީ އައިޒެންކޮތު އަދި ޑިމޮކްރެޓްސްގެ ޔައިރް ގޮލާން ބައިވެރިވިއެވެ. ޔަހޫދީ ދައުލަތުގެ އެހެން ސަރަހައްދުތަކުގައި ވެސް މުޒާހަރާތައް ކުރިއަށްދިޔަ ކަމަށް އިސްރާއީލުގެ ނޫހެއް ކަމުގައިވާ ހައާރެޓްޒުން ރިޕޯޓުކުރިއެވެ. އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބާ ދިމާކޮށް ނެގި ޚިޔާލު ހޯދުންތަކުން ދައްކަނީ 2022 ގެ ފަހުކޮޅުން ފެށިގެން ވެރިކަންކުރާ ނަތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިޙާދާއި އައިޒެންކޮތުގެ ފެކްޝަނާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އޮތް ކަމަށެވެ. ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބޭނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ޚިޔާލުގެ ހޯދުމުގެ ވޯޓުގެ ނަތީޖާއިން ފެނެއެވެ.
މި އިންތިޚާބަކީ އީރާނަށް އިތުރު ހަމަލާތަކެއް ދިނުމާ މެދު ގޮތެއް ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމުގައި މަސްރަޙުގެ ދާރިސުން ޤަބޫލުކުރައްވައެވެ. އައިޒެންކޮތު ބޮޑުވަޒީރުކަމަށް އައިސްފިނަމަ، އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް އޮތް ލެނބުން ކުޑަކަމަށް ބެލެވޭ ކަމުގައި އެ ފަރާތްތަކުން ވިދާޅުވެއެވެ. އަނެއްކޮޅުން، މިނިވަން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅުހެދުމުގައި ޔަހޫދީ އިސް ޕާޓީތައް އޮތީ އެއްބަސްވެފަ އެވެ. މިނިވަން ތަޙުޤީޤެއް ހިންގުމަށް އެދުނު ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ކަމަށް އިންކާރުކޮށް ސިޔާސީ ކޮމިޝަނެއް ހުށަހަޅާފަ އެވެ. ނަމަވެސް، ސިޔާސީ މީހުން ޢައްޔަންކޮށްގެން ހިންގާ ކޮންމެ ކޮމިޝަނެއް ބޮއިކޮޓު ކުރާނެ ކަމުގައި އިދިކޮޅު ލީޑަރުން ބުންޏެވެ.
ނަތަންޔާހޫއާ ދެކޮޅަށް ޔަހޫދީން މުޒާހަރާކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed