ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ފަންނުވެރިން އެކި ދާއިރާތަކުން އިތުރު ކުރިއެރުން ހޯދުމަށް ލިބުނު ހިތްވަރެއްކަމަށް މައުރަޒުގެ ބައިވެރިން ބުނެއެވެ.
އެ މަަޢުރަޒުން ވަނަތައް ޙާސިލްކުރި ފަރާތްތަކަށް ރޭ އިނާމުދީފައިވާއިރު، އިނާމު ލިބުނު ފަރާތްތަކުން ވަނީ މިފަދަ މަޢުރަޒެއްގެ ސަބަބުން ފަންނާނުންގެ އަގު ވަޒަންކުރެވި އެ ފަރާތްތަކުގެ މަސައްކަތް އާއްމުންނަށް ދައްކާލަން ރަނގަޅު މަންސައެއް ލިބޭކަން ފާހަގަކޮށްފައެވެ.

މުޅި މައުރަޒުން ރަންވަނަ ހާޞިލުކުރި 5 އުފެއްދުން:
• ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން، މަރިޔަމް ޝަހުމާގެ "މެމޮރީ އޮފް ދަ ޓައިޑްސް"
• ލަކުޑީގެ އުފެއްދުންތައް ކެޓެގަރީން، ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި"
• ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން، އުޝާ އާދަމްގެ "ތުނޑު ކުނާ"
• އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން، މުޙައްމަދު ޔާނިއު ރަމީޒުގެ "އަވަސް އެޕް"
• އިމާރާތްކުރުމުގެ ދާއިރާއިން، އާދަމް މަންޞޫރުގެ "ކަޅުވަކަރު މިސްކިތް"

އެކި ދާއިރާތަކުން 1 ވަނައަށް ދިޔަ ފަރާތްތައް:
• އަމިއްލަ ފަރުދުންގެ ދާއިރާއިން / އޫޝާ ހަސަން، މާލެސިޓީ
• ފިޔަފާރި ދާއިރާއިން / ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
• ތައުލީމީދޭ ދާއިރާތަކުން / މޯލްޑިވްސް ޕްލިޓެކްނިކް
• ޖަމިއްޔާ ޖަމާއައްތަކުގެ ދާއިރާއިން / ވިމެން އެންޓްރަޕްރަނާޒް މޯލްޑިވްސް
• ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން / ހައުސިންގް ޑިޕްލޮޕްމަންޓު ކޯޕަރޭޝަން
• ހާއްސަ އެހީބޭނުންވާ ފަރާއްތަކުގެ ދާއިރާއިން / ފާތިމަތު ޝަފަޤް ، ރެޑިއަމްގެ ތ. ވިލިފުށި

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މިއަހަރުގެ މައުރަޒުން ވަނަވަނަ ލިބުނު ފަރާތްތަކުން ބުނީ މިއީ އުފެއްދުންތައް ދައްކާލަން ފުރުސަތު ލިބި، އިތުރު ޚިޔާލާއި ހުށަހެޅުންތައް ހޯދުމަށް މަގުފަހިވެގެންދާ މައުރަޒެއްކަމަށެވެ.
ވާދަވެރި މާހައުލެއްގައި ވަނަތައް ޙާސިލްކުރެވުމަކީ ފަންނުގެ ދާއިރާއިން ކުރިއަށްދާން ލިބޭ ހިތްވަރެއްކަމަށް ވެސް ބައިވެރިން ފާހަގަކޮށްފައިވެއެވެ. އަދި މި މައުރަޒު ކޮންމެ އަހަރަކު ބާއްވަމުންދިއުމާއެކު، ލިބޭ ވަނަތައް ދިފާޢުކުރުމުގެ ރޫހަކީ، ޝައުގުވެރިކަމާއެކު މަސައްކަތްކުރަން ގުޅުވޭ ދޮރެއްކަމަށްވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
"އުފެއްދުންތައް ދައްކާލަން ލިބޭ ފުރުސަތެއް މިއީ. އާއްމުންނަށް އެޕްރޯޗްވާން ފުރުސަތު އެބަ ލިބިގެންދޭ މިކަމުގެ ސަބަބުން. އެހެންވީމަ ވަރަށް އުފާވޭ." މަޢުރަޒުގައި ވަނަ ލިބުނު ބައިވެރިއަކު ފާހަކުރިއެވެ.
މައުރަޒުގައި ވަނަ ޙާސިލްކުރި އިތުރު ބައިވެރިއަކު ބުނީ މި މައުރަޒުގެ ފެންވަރު އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ. މައުރަޒުގެ އިންތިޒާމުތައް ވެސްކުރިއަށް ވުރެ ފަސޭހަކަމަށް އެ ބައިވެރިޔާ ފާހަގަކުރިއެވެ. މީގެއިތުރުން މި މައުރަޒުގެ ސަބަބުން ކަވި މަސައްކަތްތަކާއި، ފަންނުވެރި އެހެނިހެން މަސައްކަތްތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރަން މަގުފަހިވާނެކަމަށް ބައިވެރިން ފާހަގަކުރިއެވެ.
ކޮންމެ އުފެއްދުމެއްވެސް އުފައްދަނީ ވަރަށް ބުރަ މަސައްކަތުންކަމަށާއި، ފުޅާ ދާއިރާއެއްގައި އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަކީ އާއްމުންނާއި ހަމައަށް ފަންނުވެރިންގެ ހުނަރު ދައްކާލުމަށް މުހިންމުކަމެއްކަމަށް ބައިވެރިން ފާހަގަކުރެއެވެ. އަދި ވަނަތައް ލިބުނު ހުރިހާ ބައިވެރިންވެސް ވަނީ މިފަދަ ފުރުސަތެއް ލިބުމުން އެކަމާމެދު ވަަރަށް ބޮޑަށް އުފާކުރާކަމަށް ފާހަގަކޮށްފައެވެ.
"އެކްސްޕޯޝަރ ލިބުން އެއީ ވަރަށް މުހިންމުކަމެއް. އުއްމީދަކީ އިތުރު ބައިވެރިން މިކަމުގެ ތެރެއަށް އައުން އަދިވެސް." މަޢުރަޒުގައި ވަނަ ޚާސިލްކުރި އިތުރު ބައިވެރިއަކު ފާހަގަކުރިއެވެ.
ވަނަތައް ޙާސިލްކުރި އިދާރާތަކާއި ޖަމްޢިއްޔާތަކުން ފާހަގަކުރިގޮތުގައި މިއީ އެ ފަރާތްތަކުގެ މަސައްކަތްތައް ބަލައިގަންނަކަން ވަރަށް ބޮޑަށް އިޙުސާސްކޮށްދިން މައުރަޒެއްކަމަށެވެ. އަދި އެފަަދަ އިތުރު ފުރުސަތުތައް ފަންނުވެރިންނަށް ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.
މި މައުރަޒުގެ މަޤްސަދަކީ އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް ހިތްވަރުދެއްވުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.