ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭކަމަށާއި، އަލިފާނުގެ އެސަރަހައްދުގައިހުރި އިތުރު ގެތަކާއި ގުދަންތަކަށް އަލިފާޏުގެ އަސަރުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާކަމަށވެެ. އަދި އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާލުވީ އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކޮށްފައިވާކަމަށާއި،
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައި ނުވާކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.

އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު އެ ރަށަށް ވަނީ ގޮސްފައެވެ.