އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ވާދަކުރަން ތައްޔާރުވެއްޖެއެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އައިޒީ ސްޕޯޓްސް އެކަޑަމީގެ ޓީމެކެވެ. ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. އޭގެ ތެރޭގައި 19 އަހަރުންދަށުގެ ޤައުމީ ޓީމުގެ 2 ކުއްޖަކުވެސް ހިމެނެއެވެ.

މިއީ އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 13 ޤައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕު އޭ ގައި ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލާއެކުގައެވެ. ގްރޫޕް ބީ ގައި ހިމެނޭ ޤައުމުތަކަކީ މެލޭޝިއާ، އުޒަބަކިސްތާނު، ކުވައިތު، ބަނގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.

ޓެނިސް ބޯލް ކުރިކެޓް މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ
ޓެނިސް ބޯލް ކުރިކެޓް މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ

އައިޒީ ސްޕޯޓްސް އެކަޑަމީގެ ހެޑް ކޯޗް އަފްލަހް--ފޮޓޯ: ޕީއެސްއެމް ނިއުސް

މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިޒީ އެކަޑަމީގެ ކޯޗް އަދި ކުރީގެ ސީބީއެމްގެ ޗެއާމަން މުޙައްމަދު އަފްލަހް ބުނީ މިއީ ސޮފްޓް ބޯޅައިން ކުޅޭ މުބާރާތެއްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރުކަމަށެވެ. މީގެ ކުރިން ރާއްޖޭގައި މިކުޅިވަރު ކުޅެމުން އައީ ހަރު ބޯޅައިންކަމަށްވާއިރު، ޓެނިސް ބޯލް ކުރިކެޓް މިހާރު ދުނިޔެއަށް ތައާރަފްވެ ވައިގައި ހިފަމުން އަންނަކަމަށެވެ. އަދި މިފަދަ ބޯޅައިން ކުޅޭ މެޗުތަކުގައި އަނިޔާވުން ކުޑަކަމަށާ މިއީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުޅެވިދާނެފަދަ ބޯޅައެއްކަމަށް ކޯޗް ފާހަގަކުރިއެވެ.

"އާންމުކޮށް ކުރިކެޓް ކުޅެނީ ހާޑްބޯޅައިން، މީގަ ހިތްހަމަޖެހޭކަމަކީ ސޮފްޓް ބޯޅަ ވީމަ ކޮންމެ މީހަކަށްވެސް ކުޅެވޭނެ. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ހާޑްބޯޅަ ވާގޮތަކީ އިންޖަރީސް ގިނަވީމަ ބައެއް ކުޅުންތެރިން ޖެހިލުންވަނީ. އެހެންނަމަވެސް ސޮފްޓް ބޯޅަ ކޮންމެ އުމުރެއްގެ މީހަކަށްވެސް އިންޖަރީ ފްރީކޮށް އެބަ ކުޅެވޭ" ކޯޗް ބުނެފަވެއެވެ.

ޓެނިސް ބޯލް ކުރިކެޓް މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ
ޓެނިސް ބޯލް ކުރިކެޓް މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ

އައިޒީ ސްޕޯޓްސް އެކަޑަމީއިން އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕަށް ތައްޔާރުވަނީ--ފޮޓޯ: ޕީއެސްއެމް ނިއުސް

މިމުބާރާތް ކުޅޭނީ 6 އޯވަރަށެވެ. ކޮންމެ މެޗަކަށް 9 ކުޅުންތެރިން އަރާއިރު، މިއީ ލަނޑުގެ އަދަދު އިތުރުކުރަން ފަސޭހަ ފޯމެޓެއްކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައެވެ. މުބާރާތުގެ ކުޅުން އޮންނާނީ ކޭސީޖީ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ފީލްޑް 1 ގައެވެ.