ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް އަތުން ތަފާތު ބޮޑު ފަރަގަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވި ނަމަވެސް މިއީ ހޯދަން ފަސޭހަވި މޮޅެއް ނޫން ކަމަށް އެޓީމުގެ ކޯޗު ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.
އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އަންދްރޭ ބުނީ، ފާއިތުވީ ދެ މެޗަކީ އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ނެރެވުނު ދެމެޗަށް ނުވުމުން އެކަމަކު ކަންބޮޑުވުން އޮތް ކަމަށެވެ. އެހެންކަމުން މި މެޗަށް ނުކުމެ އީގަލްސް އަތުން ބޮޑު މޮޅެއް ހޯދުމުން ހިތްހަމަޖެހުނު ނަމަވެސް މިއީ ހޯދަން ފަސޭހަވި ކާމިޔާބީއެއް ނޫންކަމަށް އޭނާ ބުންޏެވެ.
މި މެޗުގެ ނަތީޖާ މިގޮތަށް ނުކުތުމުގައި ނަސީބު އެހީވި ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން މެޗުގައި ދެއްކީ ތަފާތު މޮޅު ކުޅުމެއްކަމަށް އަދި އެ ކުޅުންތެރިންނަށްޓަކައި ނުހަނު އުފާވާކަމަށް ކޯޗު އަންދްރޭ ބުންޏެވެ.
މެޗުގައި ރެފްރީންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަކަމަށް ބުނެ މެޗުގެ ތެރެއިން އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ނުރުހުން ފާޅުކޮށްފައިވާއިރު، ރެފްރީންގެ ނިންމުންތަކާ ގުޅޭގޮތުން އަންދްރޭ ބުނީ ރެފްރީންގެ ފަރާތުން ގޯސް ހެދުން އެއީ ފުޓުބޯޅައިގައި ހިނގާނެ ކަންތައްތައް ކަމަށެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ވެސް އަންދްރޭ ބުންޏެވެ.

މެޗުން ނިއު މޮޅުވީ ރެފްރީން ހެދި ގޯސްތަކުގެ ސަބަބުންނޭ ނުބުނެވޭނެ ކަމަށާއި މި މޮޅަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމާއި، ލިބިގެންދިޔަ ބޮޑެތި ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ސަބަބުން ލިބުނު މޮޅެއްކަމަށް އޭނާ ބުންޏެވެ.
އީގަލްސް އަތުން ހޯދި މޮޅާއެކު ނިއުރޭޑިއަންޓަށް މުހިންމު ތިން ޕޮއިންޓު ލިބިފައިވާއިރު މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމު ވަނީ ޖުމްލަ 11 ޕޮއިންޓު ހޯދާފައެވެ. އީގަލްސް އަތުން 7-1 ގެ ފަރަގަކުން ނިއުރޭޑިއަންޓް މޮޅުވިއިރު، މިއީ މިފަހަރުގެ ލީގުގައި ފެނިގެންދިޔަ އެންމެ ފަރަގު ބޮޑު ނަތީޖާކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މި ސީޒަނުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މެޗަށް ނުކުތްއިރު އީގަލްސް ކޮޅަށް ފަސް މެޗުން ވަދެފައި ވަނީ އެންމެ ތިން ލަނޑެވެ. އެހެންނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ނިއުއިން ތިން ލަނޑު ޖެހިއެވެ. މެޗުގައި ނިއުގެ ލަނޑުތައް ޖަހައިދިނީ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޮމޭޒް އާއި އަލީ ފާސިރުގެ އިތުރުން އިބްރާޙީމް މައިސާން އަދި އަބްދުﷲ ބިލިީޓީއާއި ހަސަން ރާއިފެވެ.
މެޗުގައި ފާސިރު އަދި ޑޮރިއެލްޓަން ވަނީ ކޮންމެ ކުޅުންތެރިއަކު ދެލަނޑު ޖަހާފައެވެ.