ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މުޤައްދަސް ދެ ރަށް ކަމުގައިވާ މައްކާއާއި މަދީނާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލް ސަޢުދީ ޢަރަބިއްޔާއިން ދިފާޢުކޮށް ވައްޓާލުމުން، އޭގެ ބައިތައް އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ސަޢުދީ ސިވިލް ޑިފެންސުން ބުނެފިއެވެ. ދިފާޢުކުރި ދެ މިސައިލްގެ ބައިތައް މައްކާގެ އަލް-މުޣައްމަސް ވާދީއަށް ވެއްޓުނު ކަމުގައި އެ އިދާރާއިން ބުނެއެވެ. ޤައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޠާއިފުގެ ޖަލީލު ވާދީއަށާއި، ޖިއްދާގެ އަލް-ނުޒުހާ އަވަށާއި، ރާބިޢުގެ މަސްތޫރާ މަރުކަޒަށް ވެސް މިސައިލްގެ ބައިތައް ވެއްޓުނު ކަމުގައި އެ އިދާރާއިން ރިޕޯޓުކުރިއެވެ.

މި ދަނޑިވަޅުގައި، ސަޢުދީގެ ވެރިރަށް ރިޔާޟުގެ ސަރަޙައްދުގެ މަތިން އުދުހުނު ޑްރޯނެއް އޮކްޓޫބަރު 25 ގެ ފަތިހު ހުއްޓުވައި ގޮއްވާލި ކަމުގައި، ސަޢުދީ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ބުންޏެވެ. އެ އިއްތިޙާދުގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ މި ކަން އިޢުލާންކުރެއްވީ، ޑްރޯން ފޮނުވި ފަރާތެއް ނުވަތަ މީހަކަށް އަނިޔާއެއް އަދި ގެއްލުމެއް ލިބުނުކަމުގެ ތަފްސީލެއް ނުދެއްވައެވެ. އޮކްޓޫބަރު 24 ގައި ވެސް ޔަމަނުގެ ޙޫޘީން ސަޢުދީގެ ޠާއިފާއި ޔަންބުޢަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލް ހުއްޓުވައި ނައްތާލި ކަމަށް އިއްތިޙާދުން ބުންޏެވެ.

ރިޔާޟުގެ މައި ވައިގެ ބަނދަރު ކަމުގައިވާ ކިންގް ޚާލިދު ބައިނަލްއަޤުވާމީ ވައިގެ ބަނދަރާއި، އަސްކަރީ ވައިގެ މަރުކަޒުތަކަށާއި، ތެޔޮ ވަސީލަތްތަކަށް ހަމަލާތައް ދިން ކަމުގައި ޙޫޘީން ވަކިން ދަޢުވާކުރިއެވެ. އެ ޖަމާޢަތުން ބުނީ، މިއީ ސަޢުދީން ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގެ "ބަދަލުހިފުމެއް" ކަމުގައެވެ. ސަޢުދީގެ ވައިގެ ދަތުރުފަތުރާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުވާ ހަމަލާތަކާއި ޔަމަނުގައިވާ ޙޫޘީންގެ މަޤާމުތަކަށް އިއްތިޙާދުން ދޭ ހަމަލާތަކާއެކު ކުރިމަތިލުންތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ސަޢުދީ އިސްވެ އަސްކަރީ އިއްތިޙާދެއް ހިންގަމުން އަންނަނީ 2015 އިން ފެށިގެންނެވެ. 2014 ވަނަ އަހަރަށް ފަހު ޔަމަހުގެ ވެރިރަށް ޞަންޢާއާއި އެހެން ސަރަހައްދުތައް އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ.