ދަރަވަންދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ދޮންފަން ހޯދައިފިއެވެ. ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދޮންފަން ހޯދީ ފައިނަލުގައި 5-0 ން ދަ ނޯޓިލަސް މޯލްޑިވްސް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ޖެހީ ދޮންފަންގެ މޮހޮސިން އެވެ. ދެވަނަ ހާފްގައި މުޙައްމަދު ފައިޒާން ފަޒީލް ތިން ލަނޑު ޖަހާ ހެޓްރިކެއް ހެދިއެވެ. ފަހު ލަނޑު ޖެހީ އިބްރާހީމް ރާއި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް މޮހޮސިން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މޮހޮސިންގެ އިތުރުން ދޮންފަންގެ މުޙައްމަދު ފައިޒާން ފަޒީން އާއި ދަ ނޯޓިލަސް މޯލްޑިވްސްގެ މުޙައްމަދު ނަވީދު އާއި އަހުމަދު ސަބާހު އާއި ކިންގްސް ޔުނައިޓެޑްގެ އަހުމަދު އަލްސައީދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ދޮންފަން ކީޕަރު އަބްދުލް އަހަދު ހުސެއިން އެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ ދަ ނޯޓިލަސްގެ އަހުމަދު ސަބާހު އެވެ. 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ކިންގްސް ޔުނައިޓެޑްގެ އިސްމާއީލް ނާޒިލް ނަޒީފް އެވެ. އެންމެ މޮޅު ކޯޗަކީ ދޮންފަން ކޯޗު އިސްމާއީލް އިބްރާހީމް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާ ދަރަވަންދޫ ކައުންސިލުން ވަނީ ދީފައެވެ.