އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި ޕާމާ ބައްދަލުކުރި މެޗު ލާޒިއޯއިން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައިގާ 3 ޕޮއިންޓުގެ ލީޑެއް އެޓީމުން ނަގައިފިއެވެ.
ލާޒިއޯގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ. ލާޒިއޯއިން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނު މިމެޗުގައި އެޓީމުން ޕާމާގެ ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލައިފައެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ލާޒިއޯއިންނެވެ. މިލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ 5 ވަނަ މިނެޓްގައި ޖަހައިދިނީ ކެނެތު ޓޭލަރއެވެ. އަދި މިލަނޑު ޖެހިތާ 8 މިނެޓް ފަހުން ލާޒިއޯއިންވަނީ އެޓީމުގެ ލީޑު ފުޅަކޮށްފައެވެ. ނަމަވެސް އެޓީމަށް މިމެޗުގައި ކާމިޔާބު ކުރެވުނު ދެވަނަ ލަނޑަކީ ޕާމާގެ ޑިއޭގޯ ކާލޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗުގައި ޕާމާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސިމޯނީ ލޮންޓާނީއެވެ. މިކާމިޔާބީ އާއެކު ލާޒިއޯ މިހާރު އުޅެނީ ކުޅުނު 8 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނުން މިއަދު ހަވީރު ފިއޮރެންޓީނާ އާއި ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ އެއްވަނައަށް ފައިދާ ގޯލަށް ބަލާއިރު އެރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޕާމާ އުޅެނީ 4 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

މިމުބާރާތުގައި ތާވަލްގެ ތިންވަނައިގައި އުޅޭ އޭއެސް ރޯމާ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ނަޕޯލީގެ ސްޓާޑިއޯ ޑިއޭގޯ އަރްމާންޑޯ މެރަޑޯނާގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. މިލަނޑު މެޗުގެ 28 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފްރޭންކް އެންގުއިސާއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ 3 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ކާމިޔާބު ކޮށްދިން ލަނޑާއެކު ނަޕޯލީއިން މިމެޗުގައި 2 ލަނޑުގެ ލީޑެއް ނެގިއެވެ.
މިމެޗުގައި ރޯމާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ހިތްވަރު އާކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައި މަތިއަސް ސޫލަރ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ 5 މިނެޓް ފަހުން ލިއޮނާޑޯ ބެލާޑީ ކާމިޔާބު ކޮށްދިން ލަނޑުން ރޯމާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗުގައި ނަޕޯލީއިން ކާމިޔާބު ކުރި 3 ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން މެކްޓޮމިނޭއެވެ. އަދި ރޯމާއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ބެލާޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މިނަތީޖާއާއެކު ރޯމާ ތާވަލްގެ ތިންވަނައިގައި އުޅެނީ 18 ޕޮއިންޓާއެކުއެވެ. އަދި ނަޕޯލީ އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.