ޗައިނާގައި މިހާރު ކުރިއަށްދާ ނިންގްބޯ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މިފަހަރު އެއްވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރިބާކިނާ އާއި ކެނެޑާގެ ލޭލާ ފެނާންޑޭޒް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ރިބާކިނާ ޖާގަހޯދީ ސެމީ ފައިނަލްގައި މިމުބާރާތުގައި 6 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑިއާނާ ޝްނައިޑަރ އާއި ބައްދަލުކުރި މެޗު ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު 6-3 އިން ރިބާކިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ 7-5 އިންނެވެ. މިސީޒަންގައި އޮސްޓްރޭލިއާ އޯޕަންގެ އިތުރުން ޔޫއެސް އޯޕަން ކާމިޔާބު ކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް އަރާފައިވާ ރިބާކިނާ މިމުބާރާތާއި ކުރިމަތިލީ ޗައިނާ އޯޕަންގައި ފަޔަށް ލިބުނު އަނިޔާ އާއި ގުޅިގެން ކުޅުމާއި ދުވަސް ކޮޅަކު ދުރުގައި ހުރުމަށްފަހުއެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ވޫހާން އޯޕަންގައި ރިބާކިނާ ބައިވެރިއެއް ނުވެއެވެ. އަދި ޝްނައިޑަރ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރިބާކިނާ ފެނުނީ ރަނގަޅު ފޯމެއްގައި ހުރި ތަނެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ތަށި ދިފާއު ކުރުމުގެ ފުރުސަތު ރިބާކިނާއަށް ލިބިގެން ގޮސްފައިވާއިރު ފައިނަލްގައި ވާދަކުރާ ފެނާންޑޭޒް ފައިނަލުން ޖާގަހޯދާފައިވަނީ ސެމީ ފައިނަލްގައި ޗެކިއާގެ މަރީ ބޮއުޒްކޯވާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެ ސެޓު ފެނާންޑޭޒް ކާމިޔާބު ކޮށްފައިވަނީ 6-3 އަދި 7-5 އިންނެވެ.
ރިބާކިނާ އާއި ފެނާންޑޭޒްގެ މެދުގައި ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
ނިންގްބޯ އޯޕަންގެ ފައިނަލަށް ރިބާކިނާ އާއި ފެނާންޑޭޒް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed