އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް އަރާފައެވެ. ޗެލްސީއަށް ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 4 ވަނައިގައެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ޗެލްސީގެ ފޯވަޑް ޖޮއާއޯ ޕެޑްރޯ މި މެޗުގައި ކުޅެފައެއް ނުވެއެވެ. އަދި އެއްވަނަ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ކުޅުމާއި ދުރަށް ދާން ޖެހުމުން މި މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ 21 އަހަރުގެ މައިކް ޕެންޑާރސްއެވެ.
މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޓޮޓްނަމް ހޮޓްސްޕަރއިންނެވެ. އަދި އެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ޗެލްސީއަށް ފުރަތަމަ ލީޑު ނަގަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ކޯލް ޕާމާ އާޢި ޖޯޑަން ހެންޑަސަންގެ އިތުރުން ޕެޑްރޯ ނެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް ޓޮޓްނަމްގެ ގޯލުކީޕަރު އެންޓޮނިން ކިންސްކީ ވަނީ މަތަކޮށްފައެވެ.
ޓޮޓްނަމްއިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ޒުވާން ގޯލުކީޕަރުގެ އަތުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑުންނެވެ.
ޓޮޓްނަމްއިން ލަނޑު ޖެހިތާ ތިންވަނަ މިނިޓުގައި ޗެލްސީގެ ކޯލް ޕާމާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި މެޗުގައި ޓޮޓްނަމްއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް މެތީސް ޓެލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޓޮޓްނަމް މި މެޗުން މޮޅުވިއިރު މިއީ ފާއިތުވެދިޔަ 36 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި ޗެލްސީގެ ދަނޑުގައި ޓޮޓްނަމް މޮޅުވި ދެވަނަ ފަހަރެވެ.
ޓޮޓްނަމް އަތުން ޗެލްސީ ބަލިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed