ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މިއީ ކުރިއަށް އޮތް ބައިނަލްއަގުވާމީ ބްރޭކުގެ ކުރިން މި ދެޓީމުން ވެސް ކުޅޭ ފަހު މެޗަށްވުމުން މި މެޗާ ދެ ޓީމުން ވެސް ކުރިމަތިލީ ތިން ޕޮއިންޓު ހޯދުމުގެ ވަރުގަދަ އަޒުމެއްގައެވެ.

އެހެންނަމަވެސް ވާދަވެރި ކުރިމަތިލުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުން ވިކްޓްރީ ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވިކްޓްރީން ކާމިޔާބުކުރި ދެލަނޑު ވެސް އެޓީމުން ޖެހީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 20ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްވާން (ރިޒޭ) އެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބިދޭސީ މިޑްފީލްޑަރު މިރްޖަލޯލް ކަސިމޯވްގެ އެސިސްޓަކުން ރިޒްވާން ކާމިޔާބުކުރި ލަނޑެކެވެ.

އޮޑި ބަލިކޮށް ވިކްޓްރީ އެއްވަނައިގައި ހަމަޖެހިލައިފި
އޮޑި ބަލިކޮށް ވިކްޓްރީ އެއްވަނައިގައި ހަމަޖެހިލައިފި

ވިކްޓްރީއާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ޖަލްވާން ޖަމީލް / ޕީއެސްއެމް ނިއުސް

އޭގެ 11 މިނެޓުފަހުން ރިޒްވާން ވަނީ ވިކްޓްރީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ރީތި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ވިކްޓްރީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާއެކުއެވެ. އެއީ ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެގެންނެވެ. މެޗުން ބަލިވި އޮޑިއަށް ހަ މެޗުން ލިބެނީ އަށް ޕޮއިންޓެވެ. ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ އަދި ދެ މެޗުން ބަލިވެފައެވެ. އޮޑިއަށް ތާވަލުގައި ލިބެނީ ފަސްވަނައެވެ.