އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އަދި ބީއެމްއެލް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި އިންތިޒާމުގެ ދަށުން، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، ޑޮލަރުން ލިބޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށާއި، ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށްވެސް ނޮވެމްބަރު 1 އިން ފެށިގެން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، މާލީ ގޮތުން ބާރުވެރިވުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
"މި ސެކްޓާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މި ދިމާވާ ދަތިތަަކަށް، އަދި އާމްދަނީ އިތުރުކުރުމުގައި ހުރި ހުރަސްތައް ކުޑަކުރެވި، ޖީބަށް ލާން ލިބޭ އާމްދަނީ އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އެހެންމަ އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް މަގުފަހިކޮށްދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަށްދެވޭނެ ގޮތްތަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ރައްޔިތުން ކުދި ވިޔަފާރިތައް ފަށަން މަގުފަހިކޮށްދޭން، އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހިކޮށްދޭން," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް ފޯރުކޮށްދީފައިވާ މާލީ އެހީތަކުގެ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެސްއެމްއީ ވިޔަފާރިތަކަށް 795 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭގެ މަންފާ 1،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޖުލައި 15 ގައި ފެށި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
