އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެއެވެ.
މި މެޗުން ސިޓީ ބަލިވުމާއިއެކު ލީގުގައި އެ ޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ސިޓީ އަށް 8 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތް ނަމަވެސް އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި 36 ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި އެސްޓަން ވިލާއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް ޖެކްސަންއެވެ.
މެޗުގެ ކުރީކޮޅު އެސްޓަން ވިލާއިން ލަނޑެއް ޖެހިނަމަވެސް މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީންވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކުރީގައި އޮތުމާއިއެކު ދެވަނަ ހާފަށް ނިކުތްއިރު ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމަށް ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން މާކް ގުއޭހީ އާއި ރަޔާން ޗާކީގެ ބަދަލުގައި ރިކޯ ލެވިސް އާއި ފިލް ފޯޑެން ވަނީ ކުޅެން އަރުވާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓުގައި އިލިމަން އެންޑިޔާއޭ ދިން ޕާހަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަގާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް އޭގެ އަށް މިނިޓު ފަހުން އެސްޓަން ވިލާގެ ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
މެޗުގެ ފަހު ވަގުތު ނަތީޖާ އެއްވަރުކުރުމަށް ސިޓީ އަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް ހާލަންޑް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން މާޓްސަން ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.
އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed