ވޭތުވެދިޔަ 2 އަހަރަކީ އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކާ ހަމައަށް ވަށާޖެހޭ ގޮތެއްގައި އިންވެސްޓްމެންް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މިކަމުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ހާސިލްކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެކްސްޕޯގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ އިނާމު ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވަނީ ޚާއްޞަ ތަސައްވުރެއް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް، ޤައުމު ކުރިއަށް ގެންދާނެ ސާފު މަންޒަރެއް އެމަނިކުފާނު ސިފަކުރައްވައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެންހުރި ފުރުޞަތުތައް ހޯދުމަށް ރެޔާއި ދުވާލު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އިޤުތިޞާދުގައި އެންމެ އިސްދައުރެއް އެއްވެސް ޝައްކެއް ނެތި އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަދެވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކާއި، ބިނާކުރަނިވި ހިޔާލުފުޅުތަކެއް ގެންގުޅުއްވާ ކޮންމެވެސްކަހަލަ ނަފާވެރިކަމަކަށް ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ތަސައްވުރެއް ކުރެއްސެވީ 2030ވަނަ އަހަރާއި ހަމައަށް އަންނަންވާއިރަށް ކްރިއޭޓިވް އިކޮނޮމީ ރާއްޖޭގެ އިގުތިޞާދުގެ %15 ހިއްސާކުރައްވާނެ ކަމަށް. އަދި އެކަމަށް އިރުޝާދު ދެއްވި،" ވަޒީރު ވިދާޅުވިއެވެ.

"އިޤްތިޞާދުގައި ދިވެހިންގެ އުފެއްދުން އިތުރުކޮށް، އިންވެސްޓްމެންޓަށް ބޮޑު ކުރިއެރުމެއް"
"އިޤްތިޞާދުގައި ދިވެހިންގެ އުފެއްދުން އިތުރުކޮށް، އިންވެސްޓްމެންޓަށް ބޮޑު ކުރިއެރުމެއް"

"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު / ފޮޓޯ ޕީއެސްއެމް ނިއުސް

ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރަށް ބަލައިފިނަމަ، އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކާ ހަމައަށް ވަށާޖެހޭ ގޮތެއްގައި މިކަން ސަރުކާރުން ގާއިމުކޮށްދެމުންދާތަން ފެންނަން ހުންނާނެ ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްޕުޅުތަކާއެކު އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެހެން، އިންވެސްޓްމެންޓުތައް ގެނެސް ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މޯލްޑިވްސް އެކްސްޕޯއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މީގެ ކުރިން ނުބޭއްވޭ ފަދަ ފުޅާ ދާއިރާއެއްގައި ބޭއްވޭ މައުރަޒެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 600 އަށް އަރާފައިވާ ކަމަށާއި، ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މައުރަޒު އިންތިޒާމުކުރި ޑިސްޓްރިކްޓްތަކުގެ އަދަދުވެސް 5 އިން 7 އަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މިއަަހަރުގެ މައުރަޒުގައި އަލަށް ތައާރަފްކުރެވުނު 2 ޑިސްޓްރިކްޓަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަހަރު އަލަށް ގާއިމުކުރެވުނު ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަށް އިޝާރާތްކުރައްވާ މި ޑިސްޓްރިކްޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީިގެ ވިޔަފާރިތަކަށް ހުޅުވިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ވިިޒިޓަރ އިކޮނޮމީއަށްވެސް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރު އަލަަށް ގާއިމުކުރެވޭ އިންޓަނޭޝަނަލް ޑިސްޓްރިކްޓަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މި ޑިސްޓްރިކްޓުގެ ތެރެއިން ތަފާތު އެކި އުފެއްދުންތައް މިއަހަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން މި ޑިސްޓްރިކްޓުގައި މިވަގުތު ރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. ވަޒީރު ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އައު މާކެޓަކަށް އަދި އުފެއްދުންތައް އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ