ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ކްލަބް އީގަލްސް ބޮޑު ތަފާތަކުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ މި މެޗަށް އިންސާފުކުރި ރެފްރީ، މުޙައްމު އިސްމާޢީލް ކަމަށް އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސްގެ މައްޗަށް ނިއުރޭޑިއަންޓުން ކުރިހޯދީ 1-7 ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ރެފްރީ ނިންމި ގިނަ ނިންމުންތަކަކާ ދެކޮޅަށް އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އަޑު އުފުލާފައެވެ.
އެގޮތުން މެޗުގައި އީގަލްސް ކޮޅަށް ނިއުއިން ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ކަމަށްވާއިރު، އެއީ ޕެނަލްޓީއެއް ނޫންކަމަށް އީގަލްސްއިން ބުނެއެވެ. "ޕީއެސްއެމް" ގެ "ޔެސް ޓީވީ" އިން މި މެޗު ވަގުތުން ދުރަށް ދެއްކިއިރު، މެޗުގެ 20ވަނަ މިނެޓުގައި މުޅިން ހުސްކޮށްހުރެ އަލީ އަޝްފާޤް (ދަގަނޑޭ) ބޯޅައާއިއެކު އޭރިއާ ތެރެއަށް ވަންނަން ދިޔަވަގުތު އޭނާ ހުއްޓުވަން މަސައްކަތްކުރި އީގަލްސްގެ ވިޝާޙް އަބްދުލް މަޖީދު ވަނީ ފައުލުކޮށްފައެވެ. އެހެންނަމަވެސް އޭނާ ފައުލުކުރިއިރު އަޝްފާޤާ ކޮންޓެކްޓުވެފައި ވަނީ އޭރިއާ ބޭރުންކަން ވީޑިއޯއިން ފެނުނުއިރު، އަޝްފާޤް ގޮސް ވެއްޓެނީ އޭރިއާ ތެރެއަށެވެ. ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ.
"މި މެޗުގައި މައްސަލައަކީ ހަމަ ރެފްރީ. ދިއްދޫ މެޗުގައި ވެސް (ކަންކޮށްފައިވާ ގޮތުން) އޭނަ (ރެފްރީ މުޙައްމަދު އިސްމާޢީލް) ގެ މައްސަލަ ޖައްސައި ބޮޑު ލިޔުމަކުން މައްސަލަ ޖައްސާފައި އިންދާ އަނެއްކާ މިއަދުގެ މެޗަށް އެލީ. ހަމަ ސޭމް މިސްޓޭކް. އޭރިއާ ބޭރުން ކޮށްޕާލި އެއްޗެއްގައި އެދިނީ ޕެނަލްޓީ. ދެން މީގަ ކިތަންމެ މަސައްކަތެއް ކުރިޔަސް ރެފްރީ ދެކޮޅަށް ހިފާފަ ހުރެއްޖެއްޔާ ޓީމަކަށް މި ކާމިޔާބެއް ނުކުރެވޭނެ" އީގަލްސްގެ ކޯޗު ހަނީފް ބުންޏެވެ.

މެޗުގެ ޓާނިންގް ޕޮއިންޓަކަށްވީ "ގޯސް ޕެނަލްޓީއެއް" ދިން ހިސާބުންކަމަށާއި، މި މެޗުގައި އިންސާފުކުރާނެ ރެފްރީއަކީ މުޙައްމަދު އިސްމާޢީލްކަން އެނގުނު ހިސާބުން ކުޅުންތެރިންނަށް އޭގެ ނުރަނގަޅު އަސަރު ކުރިކަމަށް ހަނީފް ބުންޏެވެ. އެކަން އެހެން ވާންޖެހުނީ އީގަލްސް އިން މީގެކުރިން ކުޅުނު މެޗުގައި ވެސް ހަމަ އެ ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ނިންމާފައިވުންކަމަށާއި، މުޙައްމަދު އިސްމާޢީލްއާ ދެކޮޅަށް މީގެކުރިން ވެސް އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައިވާނެކަމަށް ހަނީފް ބުންޏެވެ.
"މެޗުގެ ޓާނިން ޕޮއިންޓެއް އެއީ ހަމަ. އެ ރެފްރީ (މުޙައްމަދު އިސްމާޢީލް) ފެނުނު ހިސާބުން ވެސް އެއީ ޓާނިން ޕޮއިންޓަކަށް ވެއްޖެ. އެއީ އެއް މެޗުގައި އެވަރުގެ ނިންމުންތަކެއް ނިންމާފަ އަނެއްކާ އަނެއް މެޗުގައި ހަމަ އެ ރެފްރީ އައިމަ ހަމަ ޓާނިން ޕޮއިންޓަކަށްތާ ވާނީ. މައްސަލަ ޖައްސާފައި އިންދާ. އީގަލްސްއިން ރަސްމީކޮށް މައްސަލަ ލާފަ އިންދާ އަނެއްކާ ހަމަ އީގަލްސްގެ މެޗަކަށް އޭނާ ލާންޖެހޭ ސަބަބެއް ނޭނގެ". ހަނީފް ބުންޏެވެ.
މެޗުން ބަލިވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ހަނީފް ބުނީ، ރެފްރީ ނިންމި ގޯސް ނިންމުންތަކަކީ މި މެޗުން ބަލިވި ސަބަބުކަމަށް ބުނެވިދާނެ ކަމަށެވެ.

"ބުނެވިދާނެ. ހަމަ ބުނެވިދާނެ. އޭނަގެ ޑިޒިޝަންތައް ރަނގަޅުވިނަމަ މިއަށްވުރެ ރަނގަޅަށް ކަންނޭނގެ ދާނީ. މިބުނާހެން އޭނަގެ ސަބަބުން ޓީމު އިތުރަށް ވެއްޓި، ދެން އޭނަގެ ފަރާތުން ރަނގަޅުކަމެއް ނާންނާނެކަން އެނގުނީމަ ހަމަ ޕްލެޔަރުން ދާނީ ހައްތަހާ އަޑިއަށްތާ". ރެފްރީގެ ސަބަބުން މެޗުގެ ނަތީޖާއަށް އަސަރުކުރި މިންވަރު ހާމަކޮށް ހަނީފް ބުންޏެވެ.
އީގަލްސް އިން ލީގުގައި ކުޅުނު މެޗުގައި، ހއ. ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަަރުވި މެޗުގައި ވެސް ރެފްރީކަން ކުރީ މުޙައްމަދު އިސްމާއީލެވެ.
އެ މެޗުގައި ވެސް، ރެފްރީގެ ގިނަ ނިންމުންތައް ހުރީ އީގަލްސްއާ ދެކޮޅަށް ކަމަށް ހަނީފް ބުނެފައިވާއިރު އެ މެޗު އުނދަގޫވި ސަބަބަކީ ވެސް، ގޯސްތަކެއް ހެދިގެން ރެފްރީގެ ނިންމުންތައް ގޯސްވުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެ މެޗަށްފަހު އީގަލްސްއިން ވަނީ ރެފްރީ މުޙައްމަދު އިސްމާޢީލާ ދެކޮޅަށް އެފްއޭއެމްގައި ރަސްމީކޮށް މައްސަލަ ޖައްސާފައެވެ. އަދި ނިއުރޭޑިއަންޓް މެޗަށްފަހު ވެސް މުޙައްމަދު އިސްމާޢީލާ ދެކޮޅަށް ރަސްމީކޮށް، ލިޔުމުން އީގަލްސްއިން ވަނީ މައްސަލަ ހުށަހަޅާފައެވެ.
ނިއުއާ ދެކޮޅަށް ކުޅެ އީގަލްސް މި މެޗުން ބޮޑު ފަރަގަކުން ބަލިވިއިރު، މި މެޗާ އީގަލްސް ކުރިމަތިލިއިރު އޭގެ ކުރިން ކުޅުނު ފަސް މެޗުން އެޓީމު ކޮޅަށް ޖުމްލަ ވަދެފައިވަނީ ތިން ލަނޑެވެ. އަދި ފާއިތުވީ މެޗުތަކުގައި އެޓީމުން އައީ ޑިފެންސިވް މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެހެންނަމަވެސް މި މެޗުންވީ ބޮޑު ބައްޔާއެކު އީގަލްސް ވެފައި ވަނީ މި ސީޒަނުގެ ދިވެހި ލީގުގައި އެންމެ ފަރަގުބޮޑު ނަތީޖާއަކުން ބަލިވި ޓީމަށެވެ.