ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަހުރުވެރި ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދެއްވައިފިއެވެ. މި ފަރާތްތަކަށް އިނާމު ދެއްވާފައިވަނީ އެކަމަށްޓަކާ ބާސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2026 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
މި އަހަރުގެ މަޢުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު 240 ފަރާތަކުން ގާތްގަނޑަކަށް 2,400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި މަޢުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގެ އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ހުށަހަޅާފައެވެ. މިއަހަރުގެ އެކްސްޕޯ ޚާއްޞަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ. އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.

މުޅި މައުރަޒުން ރަންވަނަ ހާޞިލުކުރި 5 އުފެއްދުން:
- "މެމޮރީ އޮފް ދަ ޓައިޑްސް" މަރިޔަމް ޝަހުމާގެ / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން
- ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި" / ލަކުޑީގެ އުފެއްދުންތައް ކެޓެގަރީން
- "ތުނޑު ކުނާ" އުޝާ އާދަމްގެ / ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން،
- "އަވަސް އެޕް" މުޙައްމަދު ޔާނިއު ރަމީޒުގެ/ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން
- "ކަޅުވަކަރު މިސްކިތް" އާދަމް މަންޞޫރުގެ/ އިމާރާތްކުރުމުގެ ދާއިރާއިން
ރަން ފަސްވަނައިގެ ތެރޭގައި އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެއް ހިމެނެއެވެ.

އެކި ދާއިރާތަކުން 1 ވަނައަށް ދިޔަ ފަރާތްތައް:
އަމިއްލަ ފަރުދުންގެ ދާއިރާއިން / އޫޝާ ހަސަން، މާލެސިޓީ
ފިޔަފާރި ދާއިރާއިން / ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
ތައުލީމީދޭ ދާއިރާތަކުން / މޯލްޑިވްސް ޕްލިޓެކްނިކް
ޖަމިއްޔާ ޖަމާއައްތަކުގެ ދާއިރާއިން / ވިމެން އެންޓްރަޕްރަނާޒް މޯލްޑިވްސް
ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން / ހައުސިންގް ޑިޕްލޮޕްމަންޓު ކޯޕަރޭޝަން
ހާއްސަ އެހީބޭނުންވާ ފަރާއްތަކުގެ ދާއިރާއިން / ފާތިމަތު ޝަފަޤް ، ރެޑިއަމްގެ ތ. ވިލިފުށި
މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ 7 ޑިސްޓްރިކްޓް ވަނީ ހިމަނާފައެވެ. އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްއާއި މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓްގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަކޮށް ޤާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓްއާއި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓްގެ އިތުރުން ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކް ވަނީ ހިމަނާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2026 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން ތަފާތު ނަންނަމުގައި މި މައުރަޒު މީގެ ކުރިން އެކި އަހަރުމަތިން ވަނީ ބާއްވާފައެވެ.