ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސްގެ ބަލިނުވުމުގެ ރެކޯޑަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނިމުން ގެނަސްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމުން ވަނީ ތިން މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކޮށްފައެވެ. މި ބައްޔާއެކު އީގަލްސް ވަނީ ލީގު ތާވަލުގެ ތިންވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް ހަ މެޗުން ލިބެނީ 11 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗު ފަށައިގެން އަށްވަނަ މިނިޓްގައި ނިއުއަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް ޑޮރިއެލްޓަން ގޮމޭޒްއެވެ. އަދި މެޗުގެ 21 ވަނަ މިނިޓްގައި ނިއުއަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ)އެވެ. މިއީ ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އަށް އީގަލްސްގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ފާސިރު ޖެހި ގޯލެކެވެ.

އީގަލްސްގެ ބަލިނުވުމުގެ ރެކޯޑަށް ނިއުއިން ނިމުން ގެނެސްފި
އީގަލްސްގެ ބަލިނުވުމުގެ ރެކޯޑަށް ނިއުއިން ނިމުން ގެނެސްފި

ނިއުއާ އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ޖަލްވާން ޖަމީލް / ޕީއެސްއެމް

ނިއުގެ ތިންވަނަ ލަނޑު މެޗުގެ 40 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮރިއެލްޓަންއެވެ. މިއީ އަޝްފާގު ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށްއަރާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޑޮރިއެލްޓަން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ނިއުއިން ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 51 ވަނަ މިނިޓްގައި ނިއުގެ ޑިފެންޑަރު އިބްރާހީމް މައިސާން (މައި) ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދީފައެވެ. އަދި ނިއުގެ ފަސްވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ފާސިރުއެވެ.

ނިއުއިން މެޗުގައި ކާމިޔާބުކުރި ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ބިލިޓީއެވެ. އެކަމަކު މެޗުގެ 79 ވަނަ މިނިޓްގައި އީގަލްސްގެ އެލްސެޑެކް މުހައްމަދު ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މެޗުގައި ނިއުއިން ޖެހި ފަހު ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ.

މި ނަތީޖާއާއެކު ނިއުއިން ވަނީ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ނިއުއަށާއި، ތިންވަނައިގައި އޮތް އީގަލްސްއަށް 11 ޕޮއިންޓް ވަނީ ލިބިފައެވެ. ނިއުއަށް ކުރި ލިބެނީ، ލަނޑުގެ ތަފާތުންނެވެ. އަދި ނިއު ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.