ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފިއެވެ. ހޯރަފުއްޓަކީ ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެރަށް ގެންގޮސްފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
އައު ޖަނަރޭޓަރެއް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ދުރާލާ ތައްޔާރުވުން ކަމަށެވެ.
ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައި. މި އާ އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައި. މީގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.
— STELCO (@STELCOMALDIVES)October 24, 2026
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތްދެމުންދިޔަ ހުރިހާ ތަނާކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްފަހު އެ ކުންފުނިން މިހާރު މިވަނީ ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.
އައު އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައެވެ. އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2720 ކިލޯވޮޓެވެ.
އަލަށް ބޭނުންކުރަން ފެށި އިންޖީނު ސެޓާއެކު ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.