ތަމްރީން ކޭމްޕަކަށް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، މިއީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕެއް ކަމަށެވެ.

މި ދަތުރުގައި ފަލަސްޠީން ޓީމު ކޭމްޕުކުރާނީ ކ. ގުރައިދޫގައެވެ. ފަލަސްޠީނު ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ އަންގާރަ ދުވަހުއެވެ.

އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި މި ކޭމްޕުގެ ތެރެއިން ފަލަސްޠީނު ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެމެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދެ މެޗުވެސް ކުޅޭނީ ގުރައިދޫގައިކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

މިގޮތުން ކުޅޭ ފުރަތަމަ މެޗު ކުޅެން ތާވަލުކޮށްފައި ވަނީ 30 އޮކްޓޯބަރުގައެވެ. އަދި ދެވަނަ މެޗު ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.

މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމަށްވެސް ބައިނަލްއަގްވާމީ މުހިންމު ތަޖުރިބާތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މެޗުތަކެއްކަމަށް އެފްއޭއެމް އިން ދެކެއެވެ.

އެފްއޭ އިން ވަނީ، މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރުންނާއި ގުރައިދޫ ކައުންސިލުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދީފައިވާކަން ފާހަގަކޮށް، އެކަމަށް ޙާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި ކޭމްޕ ނިންމާލުމަށްފަހު ކޮލިފައިން މެޗުތަކަށް ފަލަސްޠީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިދިޔަ އަހަރުވެސް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ވަނީ ރާއްޖޭގައި ކޭމްޕުކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު އެފަހަރު ވެސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފަހިކޮށްދެއްވިއިރު އެފަހަރު ވެސް ރާއްޖޭގެ ޒުވާން ޓީމާއެކު އެކުވެރިކަމުގެ ދެ މެޗެއް ފަލަސްޠީން ޓީމު ކުޅެފައިވެއެވެ.

އެ މެޗުތައް ގަލޮޅު ދަނޑުގައި ބޭއްވިއިރު މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ދިޔަކަން ފާޙަގަކޮށްލެވެއެވެ. އެ ދެމެޗުން ވެސް މޮޅުވީ ފަލަސްޠީން ޓީމެވެ.