ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ.
މިޕްރޮގްރާމްގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ތަމްރީން ޕްރޮގްރާމްގެ 3 ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވަނީ ފަށާފައެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.
އިފުތިތާޙުކުރެވުނު ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3ވަނަ ކޯހުގައި، ރާއްޖޭގެ 17 އަތޮޅަކުން 84 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި 64 ފިރިހެން ދަރިވަރުންނާއި، 20 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން ސްކޫލް އޮފް އިންޖިނިއަރިންގ އެންޑްް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 12ވަނަ ދުވަހުއެވެ.

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގައި، މެރިން އިންޖިނިއަރިންގއާއި، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގއާއި، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާއި، އޮޓޯމޯބައިލް އިންޖިނިއަރިންގއާއި، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު ޢަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުންގެ ޢަޒުމް އައުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ކެޑޭޓުންގެ ޢަޒުމް އައުކޮށްދެއްވީ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.
މި ރަސްމިއްޔާތުގައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދާއި، އެ ސްކޫލުގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ އަޙުމަދު ޝަޤީފާއި، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ފަންނީ ތަމްރީން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.