އައްޑު އަތޮޅު ހުޅުދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

މިފްކޯ ބަނދަރަކީ 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ ބަނދަރުގެ މަސައްކަތަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަނީ، އެ ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުވުމުގައާއި، ބަނދަރަށް ބޮޑެތި ބޯޓުތަކަށް ވަދެ އުޅުމުގައި ދަތިވާތީއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނިކަލް އިންޗާރޖް އަހުމަދު ފާރޫޤް ވިދާޅުވީ މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ މިފްކޯ ބަނދަރު ހެދުމުގެ މަސައްކަތްކަމަށެވެ. މި ބަނދަރަކީ ފިނިކުރި މަސް ރާއްޖެއިން ބޭރަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ތަރައްޤީކުރާ ބަނދަރެއްކަމަށް އޭނާ ފާހަގަކުރިއެވެ.

މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި ނިންމާލައިފި
މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި ނިންމާލައިފި
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ފޮޓޯ: ޕީއެސްއެމްނިއުސް

މިބަނދަރު ތަރއްޤީކުރުމުގެ މަސައްކަތުގެ ފިޔަވަހި 1 ގެ ބޮޑުބައެއް ނިމިފައިވާކަަމަށް ފާރޫޤް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ބަނދަރު ހަމައެކަނި ބޭނުންކުރެވޭނީ ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް ނޫންކަމަށާއި މިފްކޯގެ އެހެން ސައިޓްތަކަށް މަސް ގެންދިޔުމަށްވެސް މިތަން ބޭނުންކުރާނެކަމަށެވެ. މިތަނުން މިހާރުވެސް މަސްވެރިނަށް ޚިދުމަތް ދެމުންދާކަމަށާއި މަސައްކަތް ކުރަމުންދަނީ މަސްވެރިންނާއި ވަރަށް ގާތުންކަމަށް ފާރޫޤް ވިދާޅުވިއެވެ.

" ފޭސް 1ގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި އެވަނީ. މި މަސައްކަތް ނިމި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގޮތުގައި އެއްކޮށް ހިނގައި ގަންނާނެ. މިތަނުން މަސް ރާއްޖެއިން ބޭރަށް ފޮނުވުމާއި މިފްކޯގެ އެހެން ތަަންތަނަށް ފޮނުވަން މެދުވެރިވަނީ އެ ބަނދަރު. ބަނދަރުގެ މަސައްކަތް އެބަކުރިއަށްދޭ" ފާރޫޤް ވިދާޅުވިއެވެ.

ދާދިފަހުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްވެސް ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވައި މިފްކޯ ބަނދަރުގެ ހާލަތު ބައްލަވާލައްވާފައެވެ.

ބަނދަރު ތަރއްޤީކުރުމުގެ މިމަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 68.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

އައްޑޫ ފިޝަރީސް ކޮމްޕްލެކްސްއަކީ މިފްކޯ ސައިޓްތަކުން މަސް ގަނެ ބްރައިން ފްރީޒްކޮށް ސްޓޯކުރާ އެއް ސައިޓެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިވަގުތު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ހިމެނެއެވެ.

މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި ނިންމާލައިފި
މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި ނިންމާލައިފި