ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް އެންމެ ހިރާސް ކުޑަ އަދި ފައިދާ ބޮޑު ގޮތެއްގައި ހިންގޭނެ މަޝްރޫއު ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ޕްރެޒެންޓޭޝަނުގައި 2040 ވަނައަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ކުރައްވަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިޤތިޞާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށެވެ. އެގޮތުން، ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށާއި ރިއަލްއެސްޓޭޓްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ އެ ދާއިރާ ކުރިއެރުވުމަށް ޤާނޫނާ އެއްގޮތަށް، ދައުލަތަށް އާމްދަނީ ލިބޭނެފަދަ ޕްރޮޕަޓީތައް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ޕްރޮޕަޓީތައް 99 އަހަރަށް ލީޒް އުސޫލުން ދޫކުރާއިރު އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާނުލައި ޖޮއިންޓް ވެންޗާއެއް ހަދައިފިނަމަ ދައުލަތަށް ހިރާސްތައް ބޮޑު ކަމަށާއި އެ ޕްރޮޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ކޮންމެ މުއާމަލާތަކުން ދައުލަތަށް އާމްދަނީ ލިބޭނެގޮތަށް މަޝްރޫއު ކުރިއަށްގެންދިޔުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޫޢަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ އެތަނުގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް %10 އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެއީ 8،800އަށްވުރެ ގިނަ ޕްރޮޕަޓީތަކުން 3.1 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ކަމަށާއި އޭގެ އިތުރުން ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން 1.2 ބިލިޔަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

"ރަސްމާލެ މަޝްރޫއަކީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ހިންގާ މަޝްރޫއު"
"ރަސްމާލެ މަޝްރޫއަކީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ހިންގާ މަޝްރޫއު"

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓު/ ފޮޓޯ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ

އެ ޕްރޮޕަޓީތަކުގެ ވެރިފަރާތް ބަދަލުކުރާނަމަ ކޮންމެ މުއާމަލާތެއް ކުރަންޖެހޭނީ ސަރުކާރާއެކު ކަމަށާއި އޭގެ ސަބަބުން އެ މުއާމަލާތްތަކުންވެސް އިތުރު އާމްދަނީ ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޭއިރު އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެނީ 75 މިލިޔަން ޑޮލަރާއި 316 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ކުލީގެ ގޮތުގައި އަހަރަކު ދެ މިލިޔަން ޑޮލަރުކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢާއެކު އެހެނިހެން ގޮތްގޮތުންވެސް އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން، މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނި އަހަރަކު 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ސަބަބުން 2 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް އަހަރަކު ވަންނާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ހުރި ޕްރޮޕަޓީތަކަށް ބަލާއިރު ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 8 ގުނަ އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލޭގެ މަޝްރޫޢު ނިމުމުން 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ޕްރައިވެޓް ސެކްޓަރއިން ފަހިވެ، ވަޒީފާގެ ފުރުސަތުތަކަށް ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު ދަށްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދައުލަތުގެ ޚަރަދު، ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރެވޭނެކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރިއަލްއެސްޓޭޓް ދާއިރާ ކުރިއެރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.