ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހައްޔަރުކޮށްފައި ތިބި އިޓަލީގެ ފަސް އެކްޓިވިސްޓުން، އެއްވެސް ޝަރުޠަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ގޮވާލައިފިއެވެ. ޔަހޫދީ ސިފައިން ހައްޔަރުކޮށްގެން ގެންގުޅޭ އިޓަލީވިލާތުގެގެ ފަސް އެކްޓިވިސްޓުންނަކީ ވެސް އަންހެނުންނެވެ. އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންތޯނިއޯ ތައްޔާނީ ވިދާޅުވީ، އެ އެކްޓިވިސްޓުން ހިފަހައްޓާފައި ވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމުގައެވެ. އަދި، އެ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

ޔަހޫދީ ސިފައިން އިޓަލީވިލާތުގެގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައި ވަނީ، އޮކްޓޫބަރު 22 ވަނަ ދުވަހު ކިރްޔަތު އަރްބާއިން ކައިރިން ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް މަޞްދަރުތަކުން ބުނެއެވެ. އެ ހާދިސާ ހިނގީ އެކި ޤައުމުތަކަށް ނިސްބަތްވާ އެހެން އެކްޓިވިސްޓުންނާ އެކު، ޒައިތޫނި ބިންނަ މޫސުމުގައި ފަލަސްޠީނުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމުގެ މަސައްކަތުގައި އެ މީހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ. "ހިނގައިދިޔަ ކަންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެ މީހުން އެއްވެސް ކުށެއް ނުކުރޭ،" ތުރުކީވިލާތުގެ އިސްތަންބޫލުގައި އޮތް ބައިނަލްއަޤުވާމީ ސަމިޓެއްގެ ހަވާސާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ތައްޔާނީ ވިދާޅުވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ މީހުން މިނިވަންވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކޮށްފައި ތިބި އިޓަލީވިލާތުގެގެ އެކްޓިވިސްޓުން ހުޅަނގު އައްސޭރިން ބޭރުކޮށްލުމަށާއި އަނބުރާ އަމިއްލަ ވަޒަނަށް ފޮނުވާލުމުގެ ރަސްމީ އިޖުރާއާތުތައް ފުރިހަމަކުރުމަށް ޓަކައި، އޮކްޓޫބަރުު 23 ގައި ޔަހޫދީންގެ އިމިގްރޭޝަން އިދާރާއާ އެ މީހުން ޙަވާލުކުރާނެ ކަމަށް ބެލެވޭ ކަމަށް ޔަހޫދީ އިދާރާތަކުން ވަނީ ބުނެފައެވެ. އެ ދުވަހު، ޔަހޫދީ އިދާރާތަކުން މި މަޢުލޫމާތު އިޓަލީގެ ޑިޕްލޮމޭޓުންނާ ޙިއްޞާކޮށްފައިވާ ކަމުގައި ވެސް އިޓަލީގެ ޚާރިޖީ ވުޒާރާގެ މަޞްދަރުތަކުން ބުންޏެވެ.