ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވާނީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހަރުދަނާ ބިންގަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ އަސާސީ ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު ރަސްމީކޮށް އިފުތިތާޙު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަމްރީނުގެ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނުވަނީ ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު ކުރައްވަމުންދާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށެވެ.
ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނުގެ 4ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ
4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙު ކުރެވިއްޖެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވޭ. ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދެން. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެން.
ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް.— Dr Mohamed Muizzu (@MMuizzu)October 24, 2026
މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ އަޚުލާޤާއި ހުނަރު ދަސްކޮށްދިނުމެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭއިރު ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތަކާއި އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށްގެންދެއެވެ. އަދި ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އާއި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދީ އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން މި ތަމްރީނުގައި ހިމެނެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' އަދި، ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ދެއެވެ. އަދި ތަމްރީނުގެ ތެރެއިން ކުރިއަށްގެންދާ ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ' ސެޓްފިކެޓާއި، ކޯހުގެ ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ބޭސިކް ފަސްޓް އެއިޑް' ސެޓިފިކެޓް އަދި "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް 'ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ' ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބޭނެއެވެ.
ހަތަރުވަނަ ބެޗުގެ ތަމްރީނުތައް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުންގެ އިޤްރާރުވުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 3 ބެޗެއް ނިމިފަވާއިރު، އޭގެތެރޭގައި 1028 ޒުވާނުން ތަމްރީންވެފައިވެއެވެ.