ދުނިޔޭގެ ސާފިންގ އެސޯސިއޭޝަން ޑަބްލިއުއެސްއެލް ޗެމްޕިއަންޝިޕް ޓުއާގެ 10 ވަނަ މުބާރާތް ކަމަށްވާ "މެއޯ ރިޕްކާލް ޕްރޯ ޕޯޗުގަލް" އޮސްޓްރޭލިއާގެ މޮލީ ޕިކްލަމް އާއި އެމެރިކާގެ ގްރިފިން ކޮލަޕިންޓޯ ކާމިޔާބުކޮށްފިއެވެ.
ފިރިހެނުންގެ ފައިނަލް މެޗުގައި އެމެރިކާގެ ގްރިފިން ކޮލަޕިންޓޯ ވަނީ ބްރެޒިލްގެ 3 ވަނަ ދުނިޔޭގެ ޗެމްޕިއަން ގެބްރިއެލް މެދީނާ ބަލިކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދައިފައެވެ. މިއީ ޕޯޗުގަލް މުބާރާތް 3 ފަހަރު ކާމިޔާބުކުރި ފުރަތަމަ ސާފަރަށް ވުމުގެ ޝަރަފު ކޮލަޕިންޓޯ ހޯދި މުބާރާތެވެ. އޭނާ ވަނީ 2022، 2024 އަދި 2026 ގައި މި މުބާރާތް ކާމިޔާބުކޮށްފައެވެ.
ވާދަވެރިކޮށް ދިޔަ މި ފައިނަލް މެޗުގައި ކޮލަޕިންޓޯ ވަނީ 9.43 ގެ އިތުރުން ޖުމްލަ 17.60 ޕޮއިންޓް ހޯދައިފައެވެ. މެދީނާއަށް ހޯދިފައިވަނީ 16.77 ޕޮއިންޓެވެ.
ދުނިޔޭގެ އަންހެން ޗެމްޕިއަން މޮލީ ޕިކްލަމް ވަނީ ފައިނަލް މެޗުގައި އެމެރިކާގެ ކޭޓްލިން ސިމާސް ބަލިކޮށް، މި ސީޒަނުގައި އޭނާގެ ފުރަތަމަ ޑަބްލިއުއެސްއެލް މުބާރާތް ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްގެ ބޮޑެތި ރާޅުތަކުގައި، ޕިކްލަމް ވަނީ ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް ޖެހިލައި 'ޔެލޯ ޖާޒީ' ކަށަވަރުކޮށްފައެވެ.
ފައިނަލް މެޗުގައި ޕިކްލަމް ވަނީ 7.83 ގެ މޮޅު ސްކޯއަކާއެކު ޖުމްލަ 13.33 ޕޮއިންޓް ހޯދައިފައެވެ. މި ކާމިޔާބީއާއެކު ސީޒަން ނިމެން ދެ މުބާރާތަށް ވެފައިވަނިކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ބޮޑުވެފައެވެ.
މި މުބާރާތަށްފަހު ޑަބްލިއުއެސްއެލް ޗެމްޕިއަންޝިޕް ޓުއާ ދެން ދާނީ ފިލިޕީންސްއަށެވެ. އޭގެފަހުން ސީޒަން ނިންމާލުމުގެ ގޮތުން އެންމެ ފަހު މުބާރާތް އޮންނާނީ ހަވާއީގެ މަޝްހޫރު 'ޕައިޕްލައިން' ގައެވެ.
ޑަބްލިއުއެސްއެލް ޓުއާގެ ޕޯޗުގަލް މުބާރާތް 3 ވަނަ ފަހަރަށް ގްރިފިން ކާމިޔާބުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed