އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗު ސެލްޓިކްސް އިން ކާމިޔާބު ކޮށްފައިވަނީ 107 ޕޮއިންޓް 103 ޕޮއިންޓްގެ ތަފާތުންނެވެ. މިއީ މިސީޒަންގައި ނިކްސްއިން ކުޅެ އަދި ބަލިވި ދެވަނަ މެޗެވެ. މިސީޒަންގައި އަމިއްލަ ކޯޓުގައި ކުޅުނު ފުރަތަމަ މެޗުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އަތުންވެސް ނިކްސްވަނީ ބަލިވެފައެވެ.

ނިކްސް އާއި ސެލްޓިކްސްގެ މެދުގައި ކުޅުނު މެޗު ވެގެންދިޔައީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. މިގޮތުން މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ނިކްސްއިން އެއް ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ނިންމާލިއިރު ފުރަތަމަ ހާފް ސެލްޓިކްސް އިން ނިންމާލީ އެއް ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

ތިންވަނަ ކުއާޓަރގައި ސެލްޓިކްސް އިން ހޯދި 9 ޕޮއިންޓްގެ ލީޑާއެކު އެކުއާޓަރ ނިންމާލީ 10 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގެ ފަހު ކުއާޓަރގައި ނިކްސް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. މިއާއެކު މެޗު ނިމިގެންދިޔައީ ސެލްޓިކްސްއިން 4 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ނެވެ.

މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 7 އެސިސްޓް ކުރި ޖޭސަން ޓެޓުމްއެވެ. މީގެއިތުރުން ޕޯލް ޖޯޖާއި ނީމިސް ކުއޭޓަރއިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ 15 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

ނިކްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ކާލް އެންތަނީ ޓައުންސްއެވެ. މީގެއިތުރުން އޯޖީ އަނުނޯބީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 8 އެސިސްޓް ކުރިއިރު މައިލްސް މެކްބްރައިޑްވެސްވަނީ 20 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

ސެލްޓިކްސް އަތުން ޗެމްޕިއަން ނިކްސް ބަލިވެއްޖެ
ސެލްޓިކްސް އަތުން ޗެމްޕިއަން ނިކްސް ބަލިވެއްޖެ

ސެވަންޓީ ސިކްސަރސްގެ މައި ހަތަރު ތަނބުކަމުގައިވާ އެމްބިޑް، ޖޭމްސް، ބްރައުން އަދި ޓައިރީސް

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސެވަންޓީ ސިކްސަރސްއެވެ. މިމެޗު ސެވަންޓީ ސިކްސަރސްއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައެވެ. ފިލަޑެލްފިއާގެ އެސްކްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ކެވެލިއަރސްއިން މޮޅު ކުޅުމެއް ދައްކާ 24 ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ނަމަވެސް ދެވަނަ ހާފްގައި ސެވަންޓީ ސިކްސަރސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ކެވެލިއަރސްއަށް ބާރު ބޮޑު ކުރަން ފެށިއެވެ. އަދި މިގޮތުން ތިންވަނަ ކުއާޓަރ ފެށިތާ 78 ސިކުންގެ ތެރޭގައި ސިކްސަރސްއިން ވަނީ ދެޓީމުގެ ދެމެދުގައިވާ ފަރަގު 13 ޕޮއިންޓަށް ކުޑަކޮށްފައެެވެ. އަދި ތިންވަނަ ކުއާޓަރ ނިންމާލިއިރު ދެޓީމުގެ ދެމެދުގައިވާ ފަރަގު ސިކްސަރސްއިން 8 ޕޮއިންޓަށް ކުޑަކުރިއެވެ. ފަހު ކުއާޓަރގައި ދެއްކި މޮޅު ކުޅުމާއެކު އެޓީމުން މެޗު ނިންމާލީ 8 ޕޮއިންޓާގެ ލީޑަކާއެކުއެވެ.

މިމެޗުގައި ސެވަންޓީ ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދިން ޓައިރީސް މެކްސީއެވެ. އަދި ޖޮއެލް އެމްބިޑް 24 ޕޮއިންޓް ހޯދައިދިން އިރު ޖޭލެން ބްރައުންވަނީ 21 ޕޮއިންޓް ހޯދައިދީފައެވެ. އަދި ލެބްރޮން ޖޭމްސްވަނީ 17 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިފައެވެ. ކެވެލިއަރސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަލު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހީދައިދީ 10 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ޑޮނޮވަން މިޝޭލްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗު 96 ޕޮއިންޓް 84 ޕޮއިންޓުން ތަންޑަރ ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބުލްސްއެވެ. އަދި މިނެސޯޓާ ޓިމްބަރވުލްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 115 ޕޮއިންޓް 93 ޕޮއިންޓުން ވުލްވްސް ކާމިޔާބު ކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި މައާމީ ހީޓް ބައްދަލުކުރި މެޗު 128 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕިސްޓަންސްއެވެ.