އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލް އަށް ކުޅެމުންދާ އިންގްލަންޑްގެ ތަރި ބުކާޔޯ ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާއި ދުރައްދާން ޖެހިދާނެކަމަށް އޭނާ ކުޅޭ ކްލަބް އާސެނަލްއިން ހާމަކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ސަކާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކާއި މިދިޔަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރި މެޗުގައެވެ.

އާސެނަލް އިން ހާމަކުރިގޮތުގައި ސަކާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ބޮޑު ކުޑަމިން ދެނެގަތުމަށްޓަކައި ރޭގެ ވަގުތެއްގައި އެމްއާރުއައިއެއް ހަދާނެއެވެ. އާސެނަލްގެ މެޑިކަލް ޓީމުން ބުނާގޮތުގައި ސަކާގެ އަނިޔާވެފައިވާ މަސްގަނޑު ކައިރީ ކޮންމެވެސް ވަރަކަށް ފްލުއިޑް އުފެދިފައިވާތީ އަނިޔާގެ ބޮޑު ކުޑަމިން ދެނެގަންނަން އުދަގޫވެފައިވާ ކަމަށެވެ. ނަމަވެސް އެޓީމުން ލަފާކުރާ ގޮތުގައި އެންމެ މަދުވެގެން 6 ހަފްތާއަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހޭނެއެވެ. އަދި ފަހަރުގައި އެމުއްދަތު އިތުރު ވެގެންދިއުމަކީވެސް ގާތް ކަމެއް ކަމަށް އާސެނަލްގެ މެޑިކަލް ޓީމުން މައުލޫމާތު ދެއެވެ.

ސަކާއަށް ލިބިގެންދިޔަ މިއަނިޔާގެ ސަބަބުން އޭނާއަށް އާސެނަލްގެ އިތުރުން އިންގްލަންޑްގެ މުހިންމު މެޗުތަކެއް ގެއްލިގެންދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ބުނީ ސަކާއަށް ލިބިފައިވާ އަނިޔާގެ ބޮޑު ކުޑަމިން ބެލުމަށްޓަކައި އިތުރު ސްކޭން ތަކެއް ހަދަން ޖެހޭ ކަމަށާއި އިތުރު ތަފްސީލް ލިބިގެންދާނީ އެސްކޭންތަކަށް ފަހުކަމަށެވެ. އާޓޭޓާ ބުނީ މެޗެއްގެ ތެރޭގައި ކުޅުންތެރިޔަކު އަނިޔާވެ އެހެން މީހުންގެ އެހީތެރިކަމާއެކު ދަނޑުން ބާލާނަމަ އޭގެ މާނައަކީ އެކުޅުންތެރިޔަކަށް ލިބިފައިވާ އަނިޔާ ކުޑަ ނޫން ކަމެވެ.

އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސާކާއަށް ފަހަކަށް އައިސް އަނިޔާގެ ގިނަ މައްސަލަ ތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިގޮތުން މިދިޔަ ސީޒަން ނިމެއް ދިޔައިރުވެސް އޭނާ ކުޅޭ ވަގުތު ދިޔައީ ކްލަބާއި އިންގްލަންޑް ޓީމުންވެސް މެނޭޖް ކުރަމުންނެވެ.

މިގޮތުން މިއަހަރުގެ މާރޗް މަހު ލިބިގެންދިޔަ އަނިޔާ އާއެކު އެމަހުގެ ތެރޭގައި އިންގްލަންޑް ކުޅުނު މެޗުތައްް ގެއްލިގެންދިޔައިރު އާސެނަލްގެ ހަތް މެޗު އެފަހަރު އޭނާއަށް ގެއްލިގެންދިޔައެވެ. އަދި މިދިޔަ ސީޒަން ނިމެން ގާތްވެފައިވަނިކޮށް ކުޅުމުގެ ތެރެއަށް އެނބުރި އައި ނަމަވެސް އެންމެ ރަނގަޅަށް އޭނާގެ ބޭނުން ހިފޭގޮތް ވެފައެއް ނުވެއެވެ. އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޭނާ ފެށި ނަމަވެސް 54 މިނެޓަށްފަހު ސާކާވަނީ ބަދަލު ކޮށްފައެވެ. އަދި މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އިންގްލަންޑް ކުޅުނު 8 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައިވަނީ 3 މެޗުގައެވެ.

ސަކާއަށް އަނިޔާވެފައިވާއިރު މިހަފްތާ ބަންދުގައި ޕްރިމިއަރ ލީގުގައި އާސެނަލް ނިކުންނާނީ އެވަޓަން އާއި ދެކޮޅަށެވެ. އަދި ސަކާ ނެތްތަން ފޫބެއްދުމަށްޓަކައި އެޖާގައަށް ކުޅޭނެ އެހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނޯނީ މަޑުއެކޭ، އެބެރެޗީ އެޒޭ އަދި އުމުރުން 16 އަހަރުގެ މެކް ޑޯމަންއެވެ.