ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ތަޖްރިބާކާރު ކުޅުންތެރިޔާ ލިއޮނެލް މެސީއަށް ސްޕެއިން އިން ދޭ ޕްރިންސެސް އޮފް އަސްޓޫރިއާސް އެވޯޑް ދީފިއެވެ.

ސްޕެއިންގެ އޮވިއެޑޯގެ ކެމްޕޮއާމޯ ތިއޭޓަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑް މެސީއަށް ދީފައިވަނީ ސްޕެއިންގެ ޕްރިންސެސް އޮފް އަސްޓޫރިއާގެ ލަގަބު ލިބިވަޑައިގަންނަވާ ޕްރިންސެސް ލިއޮނޯގެ އަތްޕުޅުންނެވެ.

އުމުރުން 39 އަހަރުގެ މެސީއަށް މިއެވޯޑް އަރުވާފައިވަނީ ކުޅިވަރުގެ ދާއިރާއިން އޭނާ ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. މިގޮތުން މި އެވޯޑް މެސީއަށް ދިނުމުގައި އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގެ އިތުރުން މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން ޓީމް ވޯކް އަދި ފެއަރ ޕްލޭއަށް ބަލާފައިވެއެވެ. މީގެއިތުރުން މިއިނާމް މެސީއަށް ދިނުމުގައި ތައުލީމް ހާސިލް ކުރުމާއި ސިއްހީ ފަރުވާ ނުލިބޭ ކުޑަކުދިންނަށް އެހިދުމަތް ފޯރުކޮށްދިނުމަށް އޭނާ ކުރަމުންދާ މަސައްކަތްވެސް ފާހަގަ ކޮށްފައިވެއެވެ.

މެސީ ވެފައިވަނީ މިއެވޯޑް ވަކި ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން މިއެވޯޑް ވަނީ 2012 ވަނަ އަހަރު ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ޒާވީ ހެނާންޑޭޒް އާއި އިކަރ ކަސިޔާސްއަށް 2 ކުޅުންތެރިންނަށް އެއްކޮށް އެވޯޑް އަރުވާފައެވެ. އަދި 2002 ވަނަ އަހަރު ފަސްވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު ބްރެޒިލް ޤައުމީ ޓީމަށްވެސް މިއެވޯޑް އަރުވާފައިވެއެވެ.

ކުޅިވަރުގެ ދާއިރާއިން މިއެވޯޑް ކުރިން ލިބިފައިވާ ފާހަގަ ކޮށްލެވޭ ބައެއް ފަރާތްތަކުގެ ތެރޭގައި އެތުލެޓިކްސްއިން އެމެރިކާގެ ކާލް ލުވިސް، އިތިއޮޕިއާގެ ހެއިލް ގެބްރިސެލާސީ، ޓެނިހުން ސްޕެެއިންގެ ރަފައެލް ނަޑާލް، އެމެރިކާގެ ސެރީނާ ވިލިއަމްސް، ފޯމިއުލަރ ވަން އިން ޖަރުމަނުވިލާތުގެ މައިކަލް ޝޫމާކަރ، ސްޕެއިންގެ ފެނާންޑޯ އަލޮންސޯ، ބައިސްކަލް ރޭހުން ފާހަގަ ވެގެންދިޔަ އެމެރިކާގެ ލާންސް އާމްސްޓްރޯން ފަދަ އެތުލީޓުން ހިމެނިފައިވެއެވެ.

މިފަހަރު މި އެވޯޑް ލިބުނު އެހެން ފަރާތްތަކުގެ ތެރޭގައި އާރޓްސްގެ ދާއިރާއިން އެމެރިކާގެ ލަވަކިޔުންތެރިޠާ ޕާޓީ ސްމިތު، ކޮމިއުނިކޭޝަން އެންޑް ހިއުމޭނިޓީސްގެ ދާއިރާއިން ޖަޕާންގެ އެނިމޭޝަން ސްޓޫޑިއޯއެއް ކަމަށްވާ ސްޓޫޑިއޯ ގިބްލީ، އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ދާއިރާއިން ނޯވޭއަށް ނިސްބަތްވާ ސްވަލްބާޑް ގްލޯބަލް ސީޑް ވޯލްޓް، ލިޓްރެޗަރގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޖޫލިއަން ބާންސް، ސޯޝަލް ސައިންސްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޓިމޮތީ ގާޓަން އޭޝް، ޓެކްނިކަލް އެންޑް ސައިންޓިފިކް ރިސާރޗްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޑޭވިޑް ކްލެނަރމަން، އިނގިރޭސިވިލާތުގެ ޝަންކަރު ބާލަސުބްރަމަނިއަމް އަދި ފަރަންސޭސިވިލާތުގެ ޕަސްކަލް މަޔަރ އަދި ކޮންކޯޑްގެ ދާއިރާއިން އެމެރިކާގެ އިންޖިނިއަރ އަދި ނާސާގެ އެސްޓްރޮނޯޓެއް ކަމަށްވާ ކްރިސްޓީނާ ކޯއެވެ.

ޕްރިންސެސް އޮފް އަސްޓޫރިއާސް އެވޯޑް ލިބޭ ކޮންމެ ފަރާތަކަށް 50 ހާސް ޔޫރޯ އާއި ސްޕެއިންގެ އާޓިސްޓް ހޮއާން މީރޯ ފަރުމާކޮށްފައިވާ ސުކްލަޕްޗަރއެއް އިނާމެއްގެ ގޮތުގައި އަރުވައެވެ. އޮވިއެޑޯގައި ބޭއްވި މިރަސްމިއްޔާތުގައި ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނައިގެ އިތުރުން ޝާހީ އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.