ހަރުދަނާ މާލީ ނިޒާމަކާއި ޒިންމާދާރުކަމުގެ ތެރެއިން އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިޤުތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޒަރީރު ވިދާޅުވީ، ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް އެދޭ ކޮންމެ ޤައުމެއްގެ ސިޔާސަތުތައް ބިނާވާންޖެހޭނީ އިތުބާރާއި، ޒިންމާދާރުކަމާއި، ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށާއި، މިކަމުގެ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށެވެ. އެގޮތުން އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި، ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުމެއް ނޫން ކަމަށާއި، އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤުތިޞާދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤައުމު ދަތުރުކުރަމުންދާ މިސްރާބާ މި އަހަރުގެ ފޯރަމްގެ ޝިޢާރު ކަމަށްވާ "ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއަންސް" ވަރަށް ބޮޑަށް ގުޅޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އާމްދަނީ އިތުރުކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް ފެއްޓެވި އިޞްލާޙީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
"ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވޭ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު. މީގެ ސަބަބުން ފިޗް ރޭޓިންގްސް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވޭ،" މާލީ ކަންކަމާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދަރަނި އަދާކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ޙަޤީޤީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫން ކަމަށެވެ. އަދި އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާޞިލުވުން ކަމަށެވެ.
މި ތަޞައްވުރު ހާސިލުކުރެވޭނީ ޕްރައިވެޓް ސެކްޓަރު އިސްވެ އޮންނަ، ފުޅާ އަދި ޑިޖިޓަލް އިޤުތިޞާދަކާއި، އުފެއްދުންތެރިކަން އިތުރުވެފައިވާ އަދި ހަރުދަނާ މާލީ ދާއިރާއެއް އޮވެގެން ކަމަށާއި، މި ހުރިހާ ކަމެއްގައިވެސް އިތުބާރުހުރި މާލީ މައުލޫމާތާއި މުއައްސަސާތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މިންގަނޑުތައް ދެމެހެއްޓުމުގައި ސީއޭ މޯލްޑިވްސްއިން އަދާކުރާ ދައުރު ބޮޑު ކަމަށާއި، އެ އިންސްޓިޓިއުޓްގެ ރެގިއުލޭޓަރީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ދާއިރާގައި ބައިވެރިވުން އިތުރުކުރުމަށް ސީއޭ މޯލްޑިވްސްއިން ތަޢާރަފުކުރާ "އެކައުންޓެންޓްސް އިން ބިޒްނަސް" ރަޖިސްޓްރޭޝަނާއި، ޒުވާން ހުނަރުވެރިން އުފެއްދުމަށް ދަރިވަރުން
ރަޖިސްޓްރީ ކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ވަޒީރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
