ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް ކުށުގެ ވެއްޓަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ކުށްކުރާ މީހުން، އެ މީހުންގެ އުކުޅުތައް ބަދަލުކޮށް، އެ މީހުންގެ ހަތިޔާރަކަށް ޓެކްނޮލޮޖީ އަންނަނީ ހަދަމުންނެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް ސްކޭމްގެ މައްސަލަތައް އިތުރުވެ، އެތައް ބައެއްގެ ފައިސާ ގެއްލެމުން ދިޔުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ސްކޭމްގެ މައްސަލަތައް ވަނީ ކަންބޮޑުވާވަރަށް އިތުރުވެފައެވެ. އަހަރަކު އެކި ޤައުމުތަކުން ބިލިޔަނުން މީހުންގެ ފައިސާ ފޭރެމުންދާއިރު މި ކުޑަ މުޖުތަމަޢުގައިވެސް މި ކުށުގެ ނުރައްކާ ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުންނެވެ. އިންޓަނެޓްގެ ޒަރީއާއިން ހިންގާ މި ކުށްތަކަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކުށްތަކަށްވާއިރު މިފަދަ ކުށްކުރާ މީހުން ދެނެގަތުމަކީވެސް ގިނަފަހަރަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ޤައުމުތަކަށްވެސް ފަސޭހަކަމެއް ނޫނެވެ.

ރާއްޖެފަދަ ކުޑަ މުޖުތަމަޢެއްގައި މި ކުށްތައް އާންމުވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޮތް ނުރައްކަލެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާގޮތުގައި މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ސްކޭމާ ގުޅުންހުރި 544 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެއީ އެވްރެޖުކޮށް ދުވާލަކަށް 6 މައްސަލައެވެ. މި މައްސަލަތަކުގައި ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަދަ މައްސަލަތަކުގައި އާންމުކޮށް ގެއްލެނީ، ބުރަ މަސައްކަތުން އެތައް ދުވަސްތަކެއްގެމަތިން ރައްކާ ކުރަމުން އަންނަ ފައިސާއެވެ. މިއީ އެއްވެސް ރައްޔިތަކު އެކަމުން ރައްކާތެރިވެފައިވާ މައްސަލައެއް ނޫނެވެ. ރައްކާތެރިކަން ހޯދުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ.

ތިން މަސް ތެރޭ ސްކޭމުން 5.2 މިލިޔަން ރުފިޔާގެ ގެއްލުން، ސަމާލުވޭ!
ތިން މަސް ތެރޭ ސްކޭމުން 5.2 މިލިޔަން ރުފިޔާގެ ގެއްލުން، ސަމާލުވޭ!

ސްކޭމްގެ މައްސަލަތައް ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުން/

ސްކޭމްގެ މައްސަލަތައް ހިންގަނީ ގިނަ ފަހަރަށް ގުޅައިގެން ނުވަތަ ގޮތް ނޭނގޭ ލިންކުތައް ފޮނުވައިގެންނެވެ. އޮޅުމެއްގެ ތެރެއިންވެސް އެފަދަ ލިންކަކަށް ވަދެވިއްޖެނަމަ މީހާގެ ފޯނުގައި ރައްކާކޮށްފައިވާ މައުލޫމާތު ސްކޭމަރުންނަށް ލިބެއެވެ. މި މަޢުުލޫމާތު ހިއްސާކުރެވުނުކަންވެސް އެނގެނީ އެކައުންޓުގައި ހުރި ފައިސާ ގެއްލުމުންނެވެ. އެހެންކަމުން، ކިތަންމެ ގާތް މީހަކުވިޔަސް އަދި ދަންނަ ކުންފުނިތަކުގެ ނަމުގައި ވިޔަސް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުގެ ހަގީގަތް ނޭނގޭނަމަ އެ ލިންކުތަކަށް ނުވަނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ފުލުހުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގިނައަދަދެއްގެ ސްކޭމްތައް ހިންގުމަށް މިހާރު ބޭނުންކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ. މީގެ ތެރޭގައި ފޭސްބުކް މާކެޓް ޕްލޭސް އާއި ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ޓިކްޓޮކްފަދަ ދިވެހިންގެ މެދުގައި މަގުބޫލު އެތައް ޕްލެޓްފޯމެއް މެދުވެރިކޮށް މި ކުށްތައް ހިންގައެވެ.

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރަކު ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާގެ ތެރެއިން ބޮޑުބައެއް ފުލުހުން ހޯދި ނަމަވެސް މި މައްސަލަ އެއްކޮށް ހުއްޓުވުމަކީ ފުލުހުންނަށް އެކަނިވާނެ ކަމެއް ނޫނެވެ.

ސްކޭމަރުން ގިނަ ފަހަރަށް މިފަދަ ޕްލެޓްފޯމްތަކުގައި ޝިކާރައަކަށް ހަދަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެއީ ޓެކްނޮލޮޖީއަށް އެ މީހުން ހޭލުންތެރިކަން ކުޑަވުމުން، ފަަސޭހައިން ފައިސާ އަތުލައިގަނެވޭނެކަމަށް ލަފާކޮށެވެ. ސްކޭމްތަކުން އެ އުމުރުގެ މީހުން ރައްކާތެރިކުރުމަކީ އާއިލާގެ ޒިންމާއެކެވެ. ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ފަހުގެ ޓެކްނޮލޮޖީތަކަށާއި ސްކޭމްގެ މައްސަލަތަކާބެހޭ މައުލޫމާތުދީ ހޭލުންތެރިކުރުމަކީ ތިމާގެ މާމަ އާއި ކާފަ ނުވަތަ އެ ނޫންވެސް ގާތް މީހަކު މިފަދަ ކަންކަމުން ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅެކެވެ.

ތިން މަސް ތެރޭ ސްކޭމުން 5.2 މިލިޔަން ރުފިޔާގެ ގެއްލުން، ސަމާލުވޭ!
ތިން މަސް ތެރޭ ސްކޭމުން 5.2 މިލިޔަން ރުފިޔާގެ ގެއްލުން، ސަމާލުވޭ!

ސްކޭމް / ފޮޓޯ: ގޫގަލް

މިފަދަ ކުށްތަކުގެ ޝިކާރައަށްވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. މިފަދަ މައްސަލަތަކުގައި ޒުވާނުންގެ އަތުންވެސް ގިނަ އަދަދެއްގެ ފައިސާ ގެއްލެއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް މިކަންކަމަށް ހޭލުންތެރިވާންޖެހެއެވެ. ސްކޭމްތައް ހިންގަމުންދާ ގޮތާއި އެ ކަންކަމުން ރައްކާތެރިވުމަށް ފަރުދީގޮތުން އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ ދެނެގަންނަންޖެހެއެވެ.

އެއްވެސް ކުންފުންޏަކުން ނުވަތަ އިދާރާއަކުން، ޚާއްސަކޮށް ބޭންކުތަކުން މީހާގެ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު ހޯދަން ނުގުޅާނެއެވެ. އަދި ގިވްއަވޭތައް ނުވަތަ ލަކީޑްރޯތަކުގައިވެސް މީހާގެ އެކައުންޓާ ގުޅޭ މައުލޫމާއި ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެއެވެ. މި މައުލޫމާތު ހޯދަން އުޅޭނަމަ ވީހާވެސް އަވަހަށް އެ ނަންބަރެއް ފުލުހުންނާ ހިއްސާކުރުމަކީ އެހެން މީހުން އެފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅެކެވެ.

އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމާއި އޭގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަކީވެސް މި ކުށްތައް ރާއްޖޭން ނައްތާލަން އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި އެއްވެސް މީހަކަށް ޚިދުމަތެއް ހޯދުމަށް ނުވަތަ އެއްޗެއް ގަތުމަށް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވުމުގެ ކުރިން، އޭގެ ސައްޙަކަން ކަށަވަރުކުރުން މުހިންމެވެ. ސޯޝަލް މީޑިއާގެ އެކައުންޓުތަކާއި އިންޓަނެޓް ބޭންކިންފަދަ އެޕްތަކުގައި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަކީވެސް މިފަދަ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ސްކޭމްގެ މިފަދަ ކުށްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބުުވާނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ. ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ކޮންމެ
ދިވެހި ރައްޔިތަކު ދީގެންނެވެ.