ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަތުން މޮޅެއް ހޯދުން ވާނީ ލިބޭނެ ބޮޑު ޝަރަފަކަށް ކަމަށް ކުލަބް އީގަލްސްގެ ކޯޗު އިބްރާހީމް ހަނީފް (ބެންޖޯ) ބުނެފިއެވެ.

ލީގުގައި އީގަލްސްއިން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެއެވެ. އެ ޓީމުން ކުޅުނު 5 މެޗުން 11 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ނިއުރޭޑިއަންޓަށް 4 މެޗުން ލިބެނީ 8 ޕޮއިންޓެވެ.

ނިއުރޭޑިއަންޓް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ހަނީފް ވަނީ ނިއުރޭޑިއަންޓަކީ ތާރީޚީ ކާމިޔާބީތަކެއް ލީގުގައި ހޯދައިފައިވާ ކުލަބެއް ކަން ފާހަގަކޮށްފައިއެވެ. އަދި ނިއުއާ ދެކޮޅަށް ކުޅެ، މޮޅުވުން އެއީ އީގަލްސްއަށް ލިބޭނެ ޝަރަފެއް ކަމަށް ހަނީފް ވަނީ ފާހަގަކޮށްފައެވެ.

ހަނީފް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރިއިރުވެސް ނިއުއާ ދެކޮޅަށް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށެވެ. އެއީ ދިވެހި ފުޓުބޯޅައިގެ ބޮޑު ނަމެއްކަން ހަނީފް ވަނީ ފާހަގަކޮށްފައެވެ.

ހަނީފް ބުނީ އީގަލްސްއިން ނިއު މެޗަށް ނުކުންނާނީ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައި، ބްރޭކަށް ދިޔުމުގެ އަޒުމުގައި ކަމަށެވެ. އެހެންނަމަވެސް ވަރުގަދަ މެޗަކަށްފަހު މި މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭކަން ހަނީފް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެންމެ ފަހުން ލީގުގައި ނިއުރޭޑިއަންޓް ބުރާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމުން މި މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނިއުއަށް ލިބުނުކަން ހަނީފް ފާހަގަކުރިއެވެ.

ހަނީފް ބުނީ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުނުއިރު، މޫސުން ގޯސްވުމުގެ ސަބަބުން ފަރިތަކުރުންތަކަށްވެސް ބުރު އެރިކަމަށެވެ. އެހެންނަމަވެސް އީގަލްސްއިން ބަހަނާ ނުދައްކާ މި މެޗަށް ނުކުންނާނީ ޓާގެޓަށް ވާސިލްވާންކަން ހަނީފް ފާހަގަކުރިއެވެ.

ލީގުގައި އީގަލްސްއިން ދައްކަމުން އަންނަ ކުޅުމަކީ، ކުޅުންތެރިންގެ ހިތްވަރު ކަމަށް ހަނީފް ފާހަގަކުރިއެވެ. އަދި ޓީމެއްގެ ގޮތުގައި ކޮންމެ މެޗެއްގައިވެސް ދައްކާ ކުޅުމަށް ހަނީފް ވަނީ ތައުރީފް ކޮށްފައެވެ.

ހަނީފް ބުނީ ގައުމީ ޓީމުގައި އީގަލްސްގެ ކުޅުންތެރިއަކު، ނެތުމުން ސާފް ޗެމްޕިއަންޝިޕް ބްރޭކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އީގަލްސްއިން މަސައްކަތް ކުރާނެ ކަމަށެވެ.