ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޤައުމީ ޕްރޮގްރާމު "ހަށިހެޔޮރާއްޖެ" މާލޭގައި ފެށިގެން ކުރިއަށްދާއިރު، ޕްރޮގްރާމުން ތަމްރީނުވަމުންދާ ސްޕޯޓްސް ކައުންސެލަރުންނަށް މުހިންމު ސެޝަންތަކެއް ކުރިއަށް އެބަގެންދެއެވެ.
މިމަހުގެ 22 އިން 24 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ޖުމްލަ 15 އަތޮޅަކުން ސްޕޯޓްސް ކައުންސެލަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމަކީ ޕްރެކްޓިކަލް އަދި ތިއެރީ ބައިތަކާއެކު، ކަމާބެހޭ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މާލޭގައި ފެށި މި ޕްރޮގްރާމާއެކު މުޅި ރާއްޖެ ކަވަރުވެގެންގޮސްފައިވާއިރު، މި ހަރަކާތް ފަށާފައިވަނީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ބޭނުންވާނެ މުހިންމު އަސާސްތައް ބުނެދީ، ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށް ޚާއްސަ ސެޝަންތަކަކުންނެވެ. މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިން އޭޖެންސީގެ އެހީތެރިކަމާއެކު މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންތަކުގެ ސަބަބުން ޕްރޮގްރާމުގެ ބައިވެރިން އިތުރަށް ހޭލުންތެރިވާނެކަމަށް ކުޅިވަރު ވުޒާރާގެ ޑިރެކްޓަރ ޝިއުނާ ޚާލިދުވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ.
"މި ސެޝަންތަކުން އާންމުކޮށް މުވައްޒަފުންނަށް ނޭނގޭ ވަރަށް ގިނަ މައުލޫމާތުލިބިގެންދިޔަ. މިސާލަކަށް ކުޅިވަރުގައި ގަސްދަކާ ނުލާ މި ބޭނުންކުރާ އެކިއެކު ސަޕްލިމެންޓްތައް ބޭނުންކުރުމުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ލިބިގެންދިޔަ" ޝިއުނާ ވިދާޅުވިއެވެ.
"ހަށިހެޔޮރާއްޖެ" މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވާ ސްޕޯޓްސް ކައުންސެލަރުން، އެބޭފުޅުންގެ ރަށްތަކުގައި ކަސްރަތު ޕްރޮގްރާމުތައް ރާވާ ހިންގުމަށް ލާޒިމްކޮށްފައިވާއިރު، މި ޕްރޮގްރާމު ކުރިއަށް ގެންދާނީ އެރަށަކުން ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މޫދާއި އައުޓްޑޯ ޖިމްތަކާއި، ދަނޑުތަކުގައި ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމުތަކެވެ.

ސްޕޯޓްސް ކައުންސެލަރުންނަށް ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރޭގައި މޫދުގައި ކަސްރަތުކުރާނެ ގޮތްތަކާއި، އިންޑޯ އަދި އައުޓްޑޯ ޖިމްތަކަށް ސްޕޯޓްސް ކައުންސެލަރުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ސެޝަންތައް ހިމެނެއެވެ. ވީރު ޖިމްއާއި ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައިވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ކަސްރަތުކުރުމަށް ބޭނުންކުރާ ސާމާނު ބޭނުންކުރާނެ ގޮތްތަކުގެ އިރުޝާދާއި މައުލޫމާތުދީފައެވެ. އޭގެ އިތުރުން ދުންފަތުން ލިއްބައިދޭ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާ އެޗްޕީއޭއާއި ގުޅިގެން ކުރިއަށްގެންދިޔަ ސެޝަންވެސް ފާހަގަކޮށްލެވެއެވެ.
"ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ދަށުން މާލޭގައި ފެށި ހަރަކާތާއެކު މުޅި ރާއްޖެ މިހާރު މިވަނީ ކަވަރުކޮށްފައެވެ. މާލޭގައި ފެށި ޕްރޮގްރާމުން ތަމްރީނުވާނީ، ހއ، ހދ، ޅ، ށ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ޏ. އަދި އައްޑޫ ސިޓީގެ ސްޕޯޓްސް ކައުންސެލަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އެރަށްތަކުގައި މަސައްކަތްކުރައްވާ ސިވިލް އަދި ޕޮލިޓިކަލް މުވައްޒަފުންކަމަށް ކުޅިވަރު ވުޒާރާއިންވަނީ މައުލޫމާތުދެއްވާފައެވެ.