އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ޖެޓުތައް މެޑިޓެރޭނިއަން ކަނޑުގެ މަތިން އެކުގައި އުދުއްސައިފިއެވެ. ޖެޓުތައް އުދުއްސާފައި ވަނީ ދެ ޤައުމުން އެކުގައި ކުރިއަށް ގެންދިޔަ އަސްކަރީ ޙަރަކާތެއްގެ ދަށުންނެވެ. މިއީ ފަރަންސޭސިވިލާތުގެ ނިއުކްލިއަރ ޤާބިލިއްޔަތުކަން ލިބިފައިވާ އުޅަނދުތަކެއް ބޭނުންކޮށްގެން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންގޮސްފައިވާ މި ފަދަ ފުރަތަމަ ޙަރަކާތެވެ.

2025ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދެ ޤައުމުން ވަނީ ނިއުކްލިޔަރ ހަތިޔާރުގެ ދާއިރާއިން އެއްބާރުކުން އިތުރުކުރުމަށް އެއްބަސްވެފައެވެ. އެއީ ވިލާތުގެ ޤައުމުތަކަށް ކުރިމަތިވަމުން ދިޔަ ނުރައްކާތަކާ ގުޅިގެންނެވެ. އައި އެ ޤައުމުތަކުގެ ބައިވެރިއެއް ކަމަށްވާ އެމެރިކާއާ މެދު އޮތް ޔަޤީންކަން ކުޑަވުމުގެ ސަބަބުންނެވެ.

ފަރަންސޭސިވިލާތުގެ ހަތިޔާރުއެޅި ފައުޖުތަކާބެހޭ ވަޒީރު ކެތަރިން ވައުޓްރިން ވިދާޅުވީ ދެ ޤައުމަށް ވެސް ވަކިވަކި ނިއުކްލިޔަރ ބާރުވެރިކަން ލިބިފައިވުމަކީ އެ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫން ކަމަށެވެ. ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް އެ ދާއިރާއިން ދެމުންދާ އެއްބާރުލުން ދަނީ އިތުރުވަމުން ކަމަށާއި، އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ ޓައިފޫން ޖެޓުތައް ފަރަންސޭސިވިލާތުގެ ރަފަލް ޖެތުތަކާއެކު މިިދިޔަ އަންގާރަ ދުވަހު ފުރަތަމަ ފަހަރަށް އުދުއްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގެ ސެއިންޓް-ޑިޒިއަރ ވައިގެ އަސްކަރީ މަޒުކަޒުން ނައްޓާލައިގެން ފަރަންސޭސިވިލާތުގެ ޖެތުތައް ވަނީ އިނގިރޭސިވިލާތުގެ ޓައިފޫން ޖެޓުތަކާ އެކުގައި އުދުހި، ނިއުކްލިޔަރ ހަމަލާއެއްގެ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ނަކަލުކޮށްފައި ކަމަށް ފަރަންސޭސިވިލާތުގެ ހަތިޔާރުއެޅި ފައުޖުތަކާބެހޭ ވުޒާރާއިން ބުނެއެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވެސް ސްޓްރީޓިންގ ވިދާޅުވީ ނުރައްކާތެރިކަން އިތުރުވަމުންދާ ދުނިޔެއެއްގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެ ޤައުމަކީ ވިލާތުގެ ސަލާމަތަށް އެކުގައި މަސައްކަތްކުރާ ދެ ޤައުމުކަން ދުޝްމަނުންނަށް ސާފުވާން ޖެހޭ ކަމަށެވެ.
އަދި އެތައް ޒަމާނެއް ވަންދެން ޞުލްޙަ ދަމަހައްޓަން މަގުފަހިކޮށްދީފައިވާ ޙާލަތު އިތުރަށް ދެމެހެއްޓުމަށް ދެ ޤައުމުން އެކުގައި މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިލާތުގެ ބައިވެރިން އެކުގައި އަސްކަރީ ޙަރަކާތަކާއި ތަމްރީންތައް ކުރިއަށް ގެންދެވޭނެފަދަ ޙަރަކާތެއް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. ވިލާތުގެ ސަރަޙައްދުގައި އެ ޤައުމުގެ ނިއުކްލިޔަރ ބާރުވެރިކަން ލިބިފައިވާ އެސެޓުތައް ކުރު މުއްދަތަކަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފަރަންސޭސިވިލާތުގެ ނިއުކްލިޔަރ ހަތިޔާރުގެ ގޮތުގައި ހިމެނޭ 290 ސަބްމެރިންއާއި ވައިގެ މަގުން ބޭނުންކުރާ ހަތިޔާރު ދެމެހެއްޓުމަށް އެ ޤައުމުން އަހަރަކު 6.04 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެއެވެ. އެ ޤައުމަކީ ދުނިޔޭގެ ހަތަރުވަނައަށް ނިއުކްލިޔަރ ހަތިޔާރު އެންމެ ގިނަ ޤައުމެވެ. އިނގިރޭސިވިލާތުގެ އަތުގައި ވެސް 225 ނިއުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. އެމެރިކާއާއި ރަޝިޔާގެ އަތުގައި ކޮންމެ ޤައުމެއްގައި މި ފަދަ 5،000އަށްވުރެ ގިނަ ހަތިޔާރު އެބަހުއްޓެވެ.