ރާއްޖޭގެ އެހެން ސްކޫލްތަކަށްވެސް ދިމާވެފައިވާ ޖާގައިގެ މައްސަލައަކީ ހއ. މާރަންދޫ ސްކޫލަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ކްލާސްރޫމްތައް މަދުވުމާއި މުވައްޒަފުން މަސައްކަތް ކުރުމަށް ތިބޭނެ ރަނގަޅު ޖާގައެއް ނެތުމުގެ ކަންބޮޑުވުން މިހާތަނަށްވެސް އެބައޮތެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން 2022 ވަނަ އަހަރު އެ ރަށު ސްކޫލްއަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކުންފުންޏަކާ ހަވާލުކުރިއެވެ. ނަމަވެސް މިވީ 4 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް އެ މަޝްރޫޢުގެ މަސައްކަތް ނިމިފައިނުވިނަމަވެސް މިހާރު ކުރިއަށް ދަނީ އެ މަސައްކަތްތަކުގެ އެންމެ ފަހު މަރުހަލާއެވެ.
ހއ. މާރަންދޫ ސްކޫލަށް ޖާގަ އިތުރުކުރުމަށްޓަކައި 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. އެމްޓީސީސީން މިހާރު ކުރަމުންދަނީ އެ އިމާރާތުގެ ފިނިޝިން މަސައްކަތްތަކެވެ. މި އިމާރާތުގައި 4 ކްލާސްރޫމްއާއި ސްޓާފް ރޫމަކާއި ހެލްތު ރޫމުގެ އިތުރުން ސައިންސް ލެބެއް ވަނީ ޤާއިމްކޮށްފައެވެ.
އެމްޓީސީސީގެ ސައިޓް އިންޗާޖް ޖައިލަމް ހާރޫން ވިދާޅުވީ މަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވިނަމަވެސް މިދިޔަ ހަފުތާގައި އަލުން އެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައްކަމަށާއި ކަރަންޓު ކޭބަލްގެ މަސައްކަތްތައް ނިންމާ ނެޓްވޯކް އެޅުމުގެ މަސައްކަތްކަމަށެވެ.
"ހަފުތާއެއްގެ ތެރޭގައި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ." އެމްޓީސީސީގެ ސައިޓް އިންޗާޖް ޖައިލަމް ހާރޫން ވިދާޅުވިއެވެ.

މާރަންދޫ ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑް ދިހައަކަށް ކިޔަވައިދޭއިރު 176 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުުންނެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި ސްކޫލްގެ ހޯލްގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާ ކްލާސްރޫމްތަކާއެކު 10 ކްލާސްރޫމެއްގައި ކިޔަވައިދެއެވެ. ދަރިވަރުންނަށް ކިޔަވައިދޭ ކްލާސްރޫމްތަކަކީ އެކުން ހިތްހަމަޖެހިގެން ކިޔެވޭނެ އަދި ފިނި ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން އެ ސްކޫލްގެ ކްލާސްރޫމްތައް ވަނީ އޭސީކޮށް ނިންމާލާފައެވެ.
މި ސްކޫލްގައި 45 މުވައްޒަފުން މަސައްކަތްކުރެއެވެ. މި މުވައްޒަފުންނަށް އެކަށީގެން ވާ ޖާގައެއް ނެތުމުގެ ސަބަބުން ގިނަ ފަހަރު ސްކޫލްގެ ގޯތި ތެރޭގައި ތިބެގެންވެސް މަސައްކަތް ކުރަންޖެހޭ ހާލާތްތައް ކުރިމަތިވެއެވެ. އެހެން ކަމުން މި އައު އިމާރާތަކީ 35 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން އަންނާނެ މަޝްރޫޢުއެކެވެ.
ދަރިވަރުންނާއި މުދައްރިސިންނަށްވެސް ޖާގަ ތަނަވަސް އިމާރާތެއް ލިބޭއިރު ދެން މި ސްކޫލްއަށް ބޭނުންވަނީ މަލްޓިޕާޕަސް ހޯލްއެކެވެ.