ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމަށް ބޭނުންވާ ޕަންޕު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާއިރު، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިން ދަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ސަފޫރާ ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ގިނަ ރިޕޯޓްތަކެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށާއި، ރަށްރަށުގެ ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ. އެރިޕޯޓްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތައް އަޅައި، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ފެންބޮޑުވެފައިވާ ރަށްރަށުގެ ފެން ހިންދުމަށް ބޭނުންވާ ޕަންޕުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްތަކާއި ސިފައިން އަދި ކޯސްޓްގާޑު ގުޅިގެން ދަނީ ކުރަމުންނެވެ. އުތުރުގެ ރަށްތަކަށް އިސްކަންދީގެން، މާލެއިންވެސް އިތުރު ޕަންޕުތައް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ވިއްސާރާގައި އާންމު ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ލިބެމުންދާ ގެއްލުންތައް ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުންދާކަމަށް ސަފޫރާ ވިދާޅުވިއެވެ. އެހީއަށް އެދޭ ފަރާތްތަކަށް "ދާލަ" ޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބޯހިޔާވަހިކަމަށް ދަތިވާ އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބައެއް ސްކޫލުތައް ވަނީ ހަމަޖައްސާފައެވެ. ގެތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެން ބޮޑުވުމާއި ގުޅިގެން ހދ. އަތޮޅުން ކުޅުދުއްފުށި ސިޓީން 7 ޕަންޕުން ފެން ހިންދަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރަމުންނެއެވެ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މީގެ އިތުރުން ނައިފަރުގެ 16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ވަނީ ބަދަލުކޮށްފައެވެ.
ބޯކޮށްވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ރަށްރަށުގެ ކައުންސިލްތަކާއި، އާންމު ރައްޔިތުންނާއި، ސިފައިންނާއި ފުލުހުން ގުޅިގެން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ގޭގެއަށް ފެންނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، ފެންހިންދުމަށް ޕަންޕު ބޭނުންކޮށްގެންވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާދީއްތަ ދުވަހު އަލިވާނެކަމަށް ބެލެވުނަސް، އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.