ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށި ސިޓީން 140 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ސިޓީގެ 2 ސުކޫލަކަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކާއި މިހާރުގެ ހާލަތުގެ އަދާހަމަ ހިއްސާކޮށްފައެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ފެން ބޮޑުވުމާއި ގުޅިގެން ހދ. އަތޮޅުން ކުޅުދުއްފުށި ސިޓީން 7 ޕަންޕުން ފެން ހިންދަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި ނޮޅިވަރަމާއި ނޮޅިވަރަންފަރަށްވެސް ފެން ބޮޑޫވުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާކަމަށާއި، އެގޮތުން ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިކަމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުން އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ނެއްލައިދޫ އަދި ކުމުންދޫގެ ހާލަތައް ބަލާއިރު ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވާކަމަށް ވިދާޅުވިއެވެ. ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅުކަމަށް ވިދާޅުވިއެވެ. ވައިކަރަދޫ ރަށުތެރޭގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިއެވެ. ނަމަވެސް ގެއަކަށް ގެއްލުމެއް ނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައިއެވެ. ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ވިދާޅުވިއެވެ. އަދި ހަނިމާދޫއާއި މަކުނުދޫގެ ހާލަތުވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ހއ.ގެ އަތޮޅުތަކަށް ބަލާއިރު ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފައިފައެވެ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއްނުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާކަމަށާއި ދިއްދޫގެ 1 ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްދަނީ ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިފަރުގެ 16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުންކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.