މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރާއި ވިޔަފާރީގެ ހަރަކާތްތަކަށް ހުރަސްއެޅި، މިއަހަރުގެ ނޮވެމްބަރު މަހު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިއޮތް އދ. ގެ ވޯލްޑް ޑޭޓާ ފޯރަމާއި ސައުދީގެ ދެވަނަ ސްޓެޓިސްޓިކަލް ފޯރަމް 2027 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިންނެވެ.

މިއީ ފާއިތުވި ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެ ޤައުމުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކޮންފަރެންސް ކަމަށްވާ "ފިއުޗަރ އިންވެސްޓްމަންޓް އިނިޝިއޭޓިވް" ވެސް 2027 ވަނަ އަހަރަށް ފަސްކުރުމަށްފަހު ނިންމި ނިންމުމެކެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ބައްދަލުވުންތައް ފަސްކުރަން ޖެހުނީ ބައިނަލްއަޤްވާމީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމައުގެ އުންމީދުތަކާ އެއްގޮތަށް މި ހަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން، ޔަމަނުގެ ހޫޘީންގެ ހަމަލާތައް އިތުރުވަމުންދާތީ، "ސިކްސް ކިންގްސް" ދުނިޔޭގެ ޓެނިސް މުބާރާތާއި، "ވޯލްޑް ރެލީ ޗެމްޕިއަންޝިޕް" ގެ ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ބައި ހިމެނޭހެން ބޮޑެތި އެތައް ހަރަކާތެއް ވަނީ ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ.